ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވަނިކޮށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރި މީހުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޓްރެފިކް ފުލުހުން މިރޭ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ހެލްމެޓް ނާޅައި ބްރިޖް އަދި ހައިވޭގައި ދުއްވައިގެން އާންމު ފަރާތްތަކުން ފޮނުވާ ފޮޓޯތަކުގައިވާ ފަރާތްތައް ޓްރެފިކް ޕޮލިހަށް ހާޒިރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އަދި އާންމު ފަރާތްތަކުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށް، އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ ވައިބާރ އާއި ވަޓްސްއެޕް ނަންބަރެއް ހިއްސާ ކޮށްފައެވެ.
ރިޕޯޓް ކުރުމަށް ފުލުހުން ހިއްސާކުރި ނަންބަރު:
ވައިބަރު: 9926091
ވަޓްސްއެޕް: 9888999
ބްރިޖާއި ހަައިވޭގައި ބޮޑެތި އެކްސިޑެންޓުތަކެއް ހިނގައި މީހުންނަށް އަނިޔާވަމުންދާތީ، މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.
އަދި އެ ގަވައިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. ދެވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެ ފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާއިރު، އެގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފުވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.