އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ''ދަވާލައިފި'' ނަމުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ކޯލިޝަން ހިންގާ މައި އޮފީސް، ހ. ހުރަފައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، އެ ރެލީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ރެލީގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއެއްވުން ބާއްވާނެ ވަކި ތަނެއް ކޯލިޝަނުން މިއަދު ހާމައެއް ނުކުރެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "ދަވާލައިފި" އެއްވުމަކީ ބޮޑު އެއްވުމެއް ކަމަށާއި މިއެއްވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.
އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތްއިރު ސަރުކާރުގެ ވަޒީފާތަކުން މީހުން ވަކިކުރާކަމަށް ބުނެ އަޑު އުފުލިއިރު، މިއަދު މިސަރުކާރުން ވެސް އިދިކޮޅު ފިކުރުގެ މީހުން ވަޒީފާއިން ވަކިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން 2023 ގައި ވެރިކަމަށް އައިސް، މި ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުންނަށް ވެރިކަމުގެ 24 ގަޑިއިރު ތެރޭގައި އަނބުރާ ވަޒީފާ ދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އަންނަ މަހު ރެލީއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިދިކޮޅުން ވަނީ ރެލީއެއް ބާއްވައިފައެވެ. ކާނިވާ ސަރަހައްދުގައި ބޭއްވި އެ ދެ ރެލީގައި ވެސް އިދިކޮޅު މައި ލީޑަރުގެ ގޮތުގައި މިވަގުތު ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.