ކްރިމިނަލް ކޯޓް

ތިންފަރާތުގެ ހެކިބަސް ނަގައި، 3 ސެޕްޓެމްބަރުގައި އަޑުއެހުމެއް ބާއްވަން ނިންމައި ޔާމީންގެ ޝަރީއަތް ނިންމާލައިފި

އިބްރާހިމް ޒަކީ

ތިން ފަރާތެއްގެ ހެކިބަސް ނެގުމަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު، ޝަރީއަތުުގެ އިތުރު އަޑުއެހުމެއް ބާއްވަން ކަނޑައަޅައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށްކުރާ މަނީލްޑޯންޑަރިންގެ މައްސަލައިގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާ ލައްވައިފިއެވެ.

މިއަދު ހަވީރު 4:30 އެހާކަންހާއިރު، ޝަރީއަތުގެ މަޖިލިސް ނިންމަވާ ލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ވިދާޅުވީ ދެން ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތިނެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓިގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ އިތުރުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި މައްސަލައިގައެވެ