ޓްރެފިކް ޕޮލިސް

ވެހިކަލު ދުއްވާ ބާރުމިން ބަލަން ފަހުގެ ސްޕީޑް ގަން ބޭނުންކުރަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ފުލުހުން މިހާރު ބޭނުންކުރަމުން އަންނަ ސްޕީޑް ގަންގެ ބަދަލުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްޕީޑް ގަން ބޭނުންކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދުން ފެށިގެން މާލެއާއި ހުޅުމާލެ އަދި ބުރިޖު ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަން ފަށާފައިވާކަމަށެވެ.

އެގޮތުން ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑް ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭ އިރު، މިގަން އިން 0 އިން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެއެވެ.

މި ސްޕީޑް ގަންއަކީ މިހާރު ބޭނުންކުރަމުން އަންނަ ގަންއަށްވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ، އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުން އަންނަ ވަސީލަތެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން އަންނަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.