އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރު ދިނީ އެސްއޯއެފް އަށް ކަމަށް އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީލޯންޑާކޮށްގެން އަމިއްލަ ފައިދާ ހާސިލް ކުރިކަމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރިއަށް ގެންދާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ކަންތައް ކުރެއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށެވެ.
އޭޏާ ވިދާޅުވީ، އެމްއެމްޕީއާރުސީން ރަށް ތަކާއި، ފަޅުތައް ކުއްޔަށް ދިނުމަށްފަހު ލިބޭ ޕޭމަންޓްތައް، އޭރުގެ ޓޫރިޒަމް މިނިސްޓާރު އަހުމަދު އަދީބާ ހަވާލު ކުރުމަށް ރައީސް ޔާމީން އިންސްޓްރަކްޝަން ދެއްވާފައިވާ ކަމަށެވެ.
އަދި ވޮޑުމުލާގެ އެއްމިލިޔަން ޑޮލަރު އެސްއޯއެފްގެ އިޝްފާގުއާ ހަވާލު ކުރީ އޭރު އަދީބު ރާއްޖޭގައި ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ އެ އެއްމިލިޔަން ޑޮލަރު ކަމަށެވެ.
އަދި އެގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އެމްއެމްޕީއާރުސީއަށްލިބޭ ފައިސާއާ ޗެކް ޖަމާކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ޗެކްތައް ހުންނާނީ އެ ކުންފުންޏަށް ލިބެންޖެހޭ ގޮތަށް ނަމަވެސް އެންޑޯޒް ކޮށްފައި އެހެން ކުންފުނިތަކަށް ޖަމާކުރަން ރައީސް ޔާމީނާއި އަދީބު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އުސޫލާ ހިލާފަށް އެކަންތައްތައް އެގޮތަށް ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.