ކްރިމިނަލް ކޯޓް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހާޒިރުކޮށް ހެކިބަސް ނަގަންފަށައިފި

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނެޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ފަށައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ޒިޔަތުގެ ހެކިބަސް މި ނަގަނީ، ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ތިންވަނަ ހެކީގެ ގޮތުގައެވެ.

މީގެ ކުރިން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަބުދުލް ގަފޫރާއު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން މުއައްވިޒް ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއަށް އެނގުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފް ކުންފުނީގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ އެކައުންޓްގައި ހުރި އެއްމިލިޔަން ޑޮލަރު، އޭސީސީގެ ބެލުމުގެދަށަށް ގެނައުމަށް މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން އެސްކްރޯ އެކައުންޓަކަށް އެފައިސާ ޖަމާކުރުމުގެ އެއްބަސްވުންތަކެއް ހެދިފައިވާ ކަމަށެވެ.

އަދީބު ވިދާޅުވީ އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާ އެހެންކުންފުނީގެ އެކައުންޓަކަށް ޖަމާކޮށްފައިވަނީ ރައީސް ޔާމީންގެ ސީދާ އެންގެވުނުގެ މަތިން ކަމަށާއި އެ ފައިސާ ރައީސް ޔާމީންގެ ގެކޮޅަށްފެސް ގެންގޮސްދީފައިވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާވަތް އެސްއޯއެފްގެ އިސްފަރާތްތަކަކީ ރައީސް ޔާމީންއާ ގުޅުން އޮންނަ ފަރާތްތަކެއް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ރައީސް ޔަމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިޔަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައސިާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.