ކޮންމެ ތަނެއްގައި ހުރެގެން ބޭނުން ވަގުތަކު ކޮކާކޯލާ ކުންފުނީގެ ބުއިންތައް އޯޑާކުރެވޭ ''ކޯކް2ހޯމް'' މޯބައިލް އެޕްލިކޭޝަނެއް ތައާރަފް ކޮށްފިއެވެ.
ޔޫސާ ފްރެންޑްލީ އިންޓަފޭސް އަކާއެކު ތައާރަފްކުރި "ކޯކް2ހޯމް" އެޕާއެކު ފަސޭހަކަމާއެކު އެ ކުންފުނީގެ ބުއިންތަކަށް އޯޑަރު ކުރެވޭއިރު، އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މަދުވެގެން ވަކި ވަރެއް ގަނެވޭ ގޮތަކަށް ނޫނެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް އޯޑަރު ކުރިނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
މީގެ އިތުރުން އެ އެޕްލިކޭޝަންގައި ކަސްޓަމަރަކަށް އެންމެ މީރު ބުއިންތައް ވަކިން ފާހަގަކޮށްފައި ބެހެއްޓޭނެ ފީޗާއެއް ހިމަނާފައިވެއެވެ. އެ ފީޗާގެ ސަބަބުން ކޮންމެ ފަހަރަކު އޯޑާ ކުރަން ބޭނުންވާ ވަކި ބުއިމެއް ހޯދުމުގެ ބަދަލުގައި ފަސޭހައިން އޯޑާ ކުރަން ބޭނުންވާ ބުއިންތައް ހޯދޭނެއެވެ.
ކޮކާކޯލާ ކުންފުނިން ބުނީ، ފުރަތަމަ ފަހަރަށް ކަސްޓަމަރުނާއި މުއާމަލާތު ކުރެވޭ ގޮތަށް ހެދި އެ އެޕްލިކޭޝަންގެ އެހީގައި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އެޕްލިކޭޝަންގައި ރިމައިންޑާ ފީޗާއަކާއެކު ކޮކާކޯލާ ކުންފުނިން ހިންގާ އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮކާކޯލާގެ "ކޯކް2ހޯމް" އެޕްލިކޭޝަން މިވަގުތު ހަމައެކަނި ލޯންޗުކޮށްފައިވަނީ މާލެއަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ސަރަހައްދުތަކަށް އެ އެޕްލިކޭޝަންގެ ހިދުމަތް ތައާރަފް ކުރާނެ ކަމަށް ކޮކާކޯލާ ކުންފުނިން މައުލޫމާތުދެއެވެ.
ރާއްޖޭގައި ކޮކާކޯލާގެ އެކި ބުއިންތައް ބަންދުކުރާތައި މިއަހަރު 29 އަަހަރު ފުރޭއިރު، ރާއްޖޭގެ ކޮކާކޯލާ ކުންފުންޏަކީ ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެގޮތުން ރާއްޖޭގައި ކޮކާކޯލާ ކުންފުނީގެ ބުއިންތައް ބަންދުކޮށް، ވިއްކުމުގެ ހުރިހާ ހުއްދައެއް ލިބިފައިވަނީ އެމްޑަބްލިއުއެސްސީއަށެވެ.