ބްރޯޑްކާސްޓިން ކޮމިޝަން

އެމްއެންޑީއެފް މެދުވެރިކޮށް ރާއްޖެޓީވީއަށް ފިޔަވަޅުއެޅުމަށް ބްރޯޑްކޮމްގެ ސޮފްވާން ފޮނުވި ސިޓީއެއް ލީކުވެއްޖެ

ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިދިނުން އެދި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އިސްމާއީލް ސޮފްވާން އެމްއެންޑީއެފަށް ފޮނުއްވާފައިވާ ސިޓީއެއް ލީކުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ސޮފްވާން ވިދާޅުވެފައިވާ ގޮތުގައި ހަތަރެއް ފެބުރުއަރީ 2018 އިން ފެށިގެން ރާއްޖެ ޓީވީން ގެނެސްދެމުންދާ ލައިވް ކަވަރޭޖުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުން ދާތީ އާއި ގައުމީ ދިފާއީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި ގައުމުގެ އަމަން އަމާންކަން ގެއްލި ރައްޔިތުންގެ ހިތު ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓްކުރަމުންދާކަން ވަނީ ފާހަގަކުރެއްވިފަ އެވެ.

"ވީމާ ކުއްލި ނުރައްކަލުގެ ހާލަތް އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ތިޔަ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތެރެއިން މިކަން ހުއްޓުވައިދެއްވުން އެދި ދެންނެވީމެވެ." ހަތެއް ފެބުރުއަރީގެ ތާރީޚުގައި ސޮފްވާން ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ސިޓީ އެމްއެންޑީއެފަށް ފޮނުވުމަށް މަޝްވަރާކޮށްފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ބައިވެރިވެވަަޑައިނުގަންނަވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ކަމަށް ވަނީ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު އަސްލަމް އެވެ. އެހެން ނަމަވެސް އަސްލަމް ވަނީ އެފަދަ ސިޓީއެއް އެމްއެންޑީއެފަށް ފޮނުވަން ދެކޮޅު ހައްދަވައި ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ. ދެން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ސޮފްވާން އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި އެ ސިޓީ އެމްއެންޑީއެފަށް ފޮނުވާފައި ވަނީ ޖަލްސާ ބޭއްވި ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ސިޓީ ފޮނުވާފައި ވަނީ ދައުލަތުގެ ލިޔެކިޔުންތައް ފޮނުވަން ބޭނުންކުރާ އޮންލައިން ނިޒާމް "ޖެމް" މެދުވެރިކޮށެވެ.

މި ސިޓީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ސޮފްވާން، އެ ކޮމިޝަނުގެ ރައީސް، ޝަހީބު ރަހީނު ކުރި ކަމަށް ބުނާ މައްސަލައެއް ޝަހީބު ދާދި ފަހުން ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ.