ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް، މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެމްއާރުއެމް އުފައްދަން ދީފައިވާ ހުއްދައިގެ ދަށުން 3313 މެންބަރޝިޕް ފޯމު މިއަދު އެކޮމިޝަނަށް ހުށަހަޅައިފައިވާކަމަށެވެ.
އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ދޫކޮށްފައިވަނީ ހަޔާއެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށެވެ. ނަމަވެސް ފަަހުން ވަނީ އެހުއްދަ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ދީފައެވެ.
މިއަދު ހުށަހެޅި ފޯމުތައް ހަވާލުކުރެއްވީ މިނިސްޓަރު ޔުމްނާ މައުމޫނެވެ. ފޯމު ހުށަހެޅުއްވުމަށްފަހު ޔުމްނާ މިއަދު ވިދާޅުވެފައިވަނީ ޕާޓީ އުފެއްދުމަށްޓަކައި 3313 ފޯމު މިއަދު އީސީއަށް ހުށަހަޅައިފައިވާ ކަމަށެވެ.
ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތް، މައުމޫން ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މައުމޫން ނިންމެވީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.
އެއާއެކު މިއަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމްގެ މުއައްސިސްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއަށް އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް އީސީން ދިން މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެ ހުއްދަ ބާތިލް ކުރަން ޑރ. ހަސަން ހުށަހެޅުއްވިއެވެ. އަދި ޔުމްނާ މައުމޫންގެ ނަމުގައި އެމްއާރުއެމް އުފެއްދުމުގެ އާ ހުއްދައެއް އީސީން ހޯދިއެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުން އެޕާޓީ ވެގެންދާނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީއަށެވެ.