އަހްމަދު އަދީބު އަބްދުލްގަފޫރު

މިލިއަން ޑޮަލަރު ޖަމާކުރުމުގެ ކުރިން އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ: އަދީބު

އިބްރާހިމް ޒަކީ

2

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން، އެއްމިލިޔަން ޑޮލަރު ޖަމާ ކުރުމުގެ ކުރިން އެ ފައިސާއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް، އެމަނިކުފާނުގެ ދެވަނަ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި މިއަދު ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން، ދިފާއުގައި ރައީސް ޔާމީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްްވަމުން ޓޫރިޒަމް މިނިސްޓަރުކަުގެ މަގާމުގައި އޭރު ހުންނަވައިގެން އެމްއެމްޕީއާރުސީގެ ވެރިއެއްގެ ގޮތުގައިވެސް ހުންނެވި އަދީބު ވިދާޅުވީ، އެސްއޯއެފްގެ ބޭފުޅުން ރައީސް ޔާމީންގެ އެކައުންޓަށް އެފައިސާ ޖަމާކުރަން ބޭންކަށް ދިޔުމުން، ބޭންކު މެނޭޖަރުވެސް ޔާމީނަށް ގުޅުއްވި ކަމަށެވެ.

ނަމަވެސް ބޭންކު މެނޭޖަރު ރައީސް ޔާމީނާ ގުޅުއްވިވާހަކަ ބުނީ އެސްއޯއެފްގެ ބޭފުޅުން ކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓުގައި ހުރީ، ކެމްޕެއިންގެ އެކި ކަންކަމަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާކަމަށް ރައީސް ޔަމީން މީގެ ކުރިން ވިދާޅުވެފައިވާތީ، މިއަދުގެ ޝަރީއަތުުގެ މަޖިލީހުގައި އަދީބު ތަކުރާރު ކުރައްވައި ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ކެމްޕެއިން ފައިސާ ޖަމާ ނުކުރާ ކަމަށެވެ.

އަދި ޕީޕީއެމްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕާޓީގައި އޭރު ކުރެއްވި މަސައްކަތްތަކަކީ އިންތިހާބުތަކަށް ފައިސާ ހޯއްދެވުން ކަމަށާއި އެކަމަށް ހޯދާ ހުރިހާ ފައިސާއެއް ޖަމާކުރަނީ، ޕާޓީގެ އެކައުންޓަށާއި އެފަހަރަކު ކެމްޕެއިންގެ ތެރެއިން ފައިސާ ޖަމާކުރަންޖެހޭ މީހެއްގެ އެކައުންޓަށް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، ކެމްޕެއިނަށް ލިބެނީ މަދު ފައިސާކޮޅެއް ކަމަށާއި، އެހެންކަމުން ކޮންމެ އިންތިހާބެއް ނިމޭއިރަށް ކޮންމެ ޕާޓީއެއްވެސް އޮންނަނީ ދަރަނިވެރި ވެފައި ކަމަށެވެ.

އަދި ކެމްޕެއިންގެ ފައިސާއާ ބެހޭގޮތުން ރަައީސް ޔާމީން އޭނާއާ ގުޅުއްވާފައިނުވާ ކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާއާ ބެހޭގޮތުން ގުޅުއްވައި އެފައިސާ އެކައުންޓުތަކަށް ޖަމާ ކުރުމަށާއި އެމަނިކުފާނަށް ގެންގޮސްދިނުމަށް އޯޑަރު ދެއްވި ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވި އެކައުންތަކަށް އެފައިސާ ޖަމާކޮށްދެއްވައި ރައީސް ޔާމީނަށް އެފައިސާ ގެންގޮސް ދެއްވާފައިވާނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟