ދައުލަތުގެ ބީލަންވެރިންނަށް ހާއްސަކޮށްގެން ފިނޭންސް މިނިސްޓްރީން ބާއްވާ ''ބީލަންވެރިންގެ މަހާސިންތާ 2019'' މިއަދު ފަށައިފިއެވެ.
މިއީ ފިނޭންސް މިނިސްޓްރީން އިންތިޒާމް ކޮށްގެން ދައުލަތުން ކުރިއަށްގެންދާ ބީލަންތަކަށް ބީލަންވެރިން އަހުލުވެރި ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަހާސިންތާއެއް ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ފެށި މަހާސިންތާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނަމިކް މިނިސްޓަރު ފަައްޔާޒު އިސްމާއީލް ބައިވެރިވަޑައިގެންނެވިއެވެ.
ދިވެހި ވިޔަފާރިތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ މަޝްރޫއު ތަކުގެ ތެރެއިން، ވަކި ވަރަކަށް އަގު ކުޑަ މަޝްރޫއު ތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ވާދަ ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ފިނޭންސް މިނިސްޓްރީން ނިންމާފައިވެއެވެ.
މި މަހާސިންތާއަކީ ބީލަންވެރިންގެ މަސައްކަތަށް އަންނަ ބަދަލުތަކަށް ބީލަންވެރިން އަހުލުވެރިކުރުމާއި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށް ވެސް ފިނޭންސުން ވިދާޅުވި އެވެ.