ކްރިމިނަލް ކޯޓް

ދެގަޑި ތިރީހުގައި އިތުރު ހެއްކެއްގެ ހެކިބަސް ނެގުމަށް ނިންމައި ރައީސް ޔާމީންގެ ޝަރީއަތް މެދުކަނޑާލައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާގެ މިއަދުގެ ޝަރީއަރުގެ މަޖިލިސް 2:30 ގައި އަލުން ފެށުމަށް ނިންމައި، މެދުކަނޑާލައިފިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކުރީގެ ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ ހެކިބަސް ނެގުމަށްފަހު، 1:00 ގައި ޝަރީއަތުގެ މަޖިލިސް އަލުން ފެށުމަށް އިސްގާޒީ އަހްމަދު ހައިލަމް ޝަރީއަތުގެ މަޖިލިސް މެދުކަނޑުއްވައި ލެއްވުމަށް ނިންމެވިއެވެ. ނަމަވެސް 2:30 ގައި ޝަރީއަތުގެ މަޖިލިސް ފެއްޓެވުން ލަސްކުރެއްވީ، ރައީސް ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ އެހެން މައްސަލައެއްގައި ވަކާލާތު ކުރެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވުމުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މިހާތަނަށް ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ވަނީ ނަގައިފައެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ އިތުރުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތިންވަނަ ހެއްކެއްގެ ގޮތުގައި 2:30 ގައި އޮންނަ ޝަރީއަރުގެ މަޖިލީހަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ، އެމްއެމްޕީއާރްސީގެ ކުރީގެ މެނެޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.