އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރައްވައިގެން މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރަމުންގެންދާ ދައުވާގައި، ރައީސް ޔާމީނާ ދެކޮޅަށް ކެހިބަސް ނެގުމަށް އެ މަނިކުފާނުގެ ދެވަނަ ނާއިބު ރައީސްގެ ގޮތުގައި މަސައްކަތްކުރެއްވި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ފަށައިފި އެވެ.
އަދީބު ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް މި ހާޒިރު ކުރީ، މިއަދު 11:00 އަށް އަދީބު ހާޒިރު ކުރަން ދައުލަތުން ފުލުހުންނަށް އެންގިނަމަވެސް އެ ގަޑިއަށް އޭނާ ހާޒިރު ކޮށްފައިނުވާތީ ޝަރީއަތް މެދު ކަނޑާލި ފަހުންނެވެ.
އެގާރަގަޑި ސައުވީހުގައި މެދު ކަނޑައިލި ޝަރީއަތުގެ މަޖިލިސް އަދީބު ހާޒިރުކޮށްގެން އަލުން ފެށީ، 11:40 އެހާކަންހާއިރުއެވެ.
ޝަރީއަތަށް ހާޒިރުކޮށް ދައުލަތުން އަދިބާ ސުވާލު ކުރައްވާފައިވަނީ، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިރު، ޕާޓީގެ ފައިސާއާބެހޭ މުއާމަލާތްތައް ކުރިއަށްގެންގޮސްފައިވާ ގޮތާ ބެހޭގޮތުންނާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ބެހޭގޮތުންނެވެ.
އަދީބު ވިދާޅުވީ، ޕާޓީއަށް ފައިސާ ހޯއްދަވަނީ ކެމްޕެއިންތައް ބޯމަތިވުމުން ކެމްޕެއިންތަކަށް ކަމަށެވެ. އަދި ރައީސް ޔާމީން ކެމްޕެއިނާގުޅޭ އެއްވެސް ފައިސާއެއްގެ ވާހަކައެއް 2015 ވަނަ އަހަރުގެ ތެރޭގައި ދައްކަވާފައިނުވާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާގެ ކަންތައްތަކުގައި ވަރަށް ގިނައިން ވާހަކަދެކެވި ކަމަށެވެ.
އަދި 2015 ފަނަވަނަ އަހަރު ހިނގި ރިޔާސީ ލޯންޗް ކޮޅުގެ ހާދިސާގެ ފަހުންވެސް ރައީސް ޔާމީން އޭނާއާ ގުޅުއްވައި މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ދެއްވާފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާބެހޭ ހުރިހާކަމެއް ކުރެއްވީ ރައީސް ޔާމީން އެންްގެވި ގޮތަށް ކަމަށާއި އެހުރިހާ ކަމެއް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އަދީބު ވިދާޅވިއެވެ.