ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހެކިބަސް ނެގުމަށް، ދައުލަތުން އެދިފައިވާ ގަޑިއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރު ކޮށްފައިނުވާތީ ޝަރީއަތުގެ މަޖިލިސް މެދުކަނ ޑާލައފިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ދައުލަތުން ހާޒިރުކުރި ފުރަތަމަ ހެކި ކަމުގައިވާ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ނެގުމަށްފަހު، އަދީބުގެ ހެކިބަސް ނަގަން ޝަރީއަތުގެ މަޖިލީހަށް އަދީބު ހާޒިރު ކުރަން ބެލިއިރު އަދީބު ކޯޓަށް ހާޒިރުކޮށްދީފައި ނުވާ މައްސަލައިގައި އިސްގާޒީ އަހްމަދު ހައިލަމް ދައުލަތުގެ ފަރާތުން ވަޑައިގެން ހުންނެވި ޑެޕިއުޓީ ޕްރޮސެކިއުޓަރާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ މިއަދު 11:00 އަށް އަދީބު ޝަރީއަތަށް ހާޒިރުކުރަން ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ.
އެހެންކަމުން އެގަޑީގައި އަދީބު ހާޒިރު ކޮށްފައިނުވާތީ، ގަޑިން 11:34 ވީއިރުވެސް އަދީބު ހާޒިރު ނުކުރެވޭކަމަށް ވިދާޅުވެ އިސްގާޒީ ޝަރީއަތުގެ މަޖިލިސް މެދުކަނޑުއްވައި ލެއްވިއެވެ.
ޝަރީއަތުގެ މަޖިލިސް މެދު ކަނޑުވައި ލައްވަމުން އިސްގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ދެން ޝަރީއަތުގެ މަޖިލިސް ފައްޓަވާނީ ހެކި ހާޒިރު ކުރުމުން ކަމަށެވެ.
މިއަދުގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ އިތުރުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.