އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ، މަނީ ލޯޑަރިންގެ ކުށުގެ މައްސަލައިގެ އެންމެ މުހިންމު، ކޯ ހެކިވެރިޔަކީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް، ރައީސް ޔާމީނާ ދެކޮޅަށް ހުށަހަހެޅުއްވި ހެއްކެއްގެ ގޮތުން މުއައްވިޒު ދައުލަތުން ހުށަހަޅުއްވައި ދައުލަތުގެ ފަރާތުން އޭނާއާ ސުވާލު ކުރެއްވުމުން، ދިފާއު ވުމަށް ރައީސް ޔާމީންގެ ވަކީލުންނަށް ދެއްވި ފުރުސަތުގައި 30 މިނެޓުގެ ތެރޭގައި މުއައްވިޒްއާ ސުވާލުކޮށް ނިންމަންވާނެ ކަމަށް އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވުމުން، އެކަމަށް އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މުޅި މައްސަލަ ބިނާ ވެގެންވަނީ މުއައްވިޒްގެ މައްޗަށް ކަމަށެވެ.
އެހެންކަމުން، އޭނާއާ ސުވާލުކުރަން ބޭނުންވާ ވަރަކަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީިން ވިދާޅުވީ، މުއައްވިޒްގެ އިތުރުން ދެން ހުންނެވި ހެއްކަކީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށާއި، އޭނާ ވީތަނެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ލުތުފީ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެކަން އެނގިވަޑައިނުގަންނަވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"މީ އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުން ވެއްޖެއްޔާ އެންމެ ކޯ ހެކިވެރިއަކީ، ދެން ހުންނެވި އަނެއްބޭފުޅަކީ ލުތުފީ، ވީތަންވެސް ނޭނގެ، ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމެއްވެސްނޭނގެ، އެހެންވީމާ މި ހެކިވެރިޔާއަށް އަޅުގަނޑުމެންނަށް އެކަށީގެންވާ ވަގުތު ދެއްވުމަކީ ވަރަށް އެދޭކަމެއް،" ރައީސް ޔާމީިން ވިދާޅުވިއެވެ.