ކްރިމިނަލް ކޯޓް

ރައީސް ޔާމީންގެ ޝަރީއަތް ފަށައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ފަށައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ލޯންޑްރިންގެ ދައުވާގައި ދައުލަތުގެ ފަރާތުން ހެކިން ހުށަހެޅުމެވެ.

ކްރިމިނަލް ކޯޓިގައި ކުރިއަށްދާ މިއަދުގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ އިތުރުން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި މައްސަލައިގައެވެ.

ދައުލަތުން ބުނަނީ އެ ފައިސާއަކީ އެމްއެމްޕީއާރުސީން، ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައިވަނީ އެއީ އެކި ފަރާތްތަކުން ކެމްޕެއިނަށް ދީފައިވާ ފައިސާ ކަމަށެވެ.