ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޔާމީންގެ މައްޗަށް ޝަރީއަތް ހިންގާކަށް ވެސް ނުޖެހޭ، 25 އަހަރަށް ޖަލަށް ލާންވީ : ޖާބިރު

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ޝަރީއަތެއް ވެސް ހިންގަން ނުޖެހޭ ކަމަށާއި ލާން ޖެހޭނީ 25 އަހަރަށް ޖަލަށް ކަމަށް، ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު މިމޭރުމުން ވާހަކަދެއްކެވީ، ރައީސް ޔާމީންގެ ޝަރީއަތް މިއަދު އޮންނާތީ، އެ ޝަރީއަތް ކުރިޔަށްދާ ގޮތާ މެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ، ޕްރެސެންޓަރު ސުވާލު ކުރެއްވުމުންނެވެ.

ޖާބިރު ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގައި ހިންގެވީ ހިޓްލަރުގެ ޒަމާނުގައި ހިންގެވި ފަދަ އަނިޔާވެރި ވެރިކަމެއް ކަމަށާއި ކަންކަން ކޮށްފައި ހުރި ގޮތަށް ބަލާ އިރު، ޔާމީން ބައިންދަން ޖެހޭނީ އިތުރު ޝަރީއަތެއް ވެސް ކުރުމަކާ ނުލައި ސީދާ ޖަލުގައި ކަމަށެވެ.

"ކީއްކުރާ ޝަރީއަތެއްތޯ؟ ޔާމީންގެ މައްޗަށް އެެއްވެސް ޝަރީއަތެއް ހިންގާކަށް ނުޖެހޭނެ. ކަސްތޮޅު އަޅުވާފަ ސީދާ ކުޑަގޮޅީގަ ބަހައްޓަން ޖެހޭނީ. އެފަދަ މީހެއް އެއީ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ޔާމީނާ އެކު ސިޔާސީ މައިދާނުގައި ދެން އިތުރަށް މަސައްކަތް ކުރާނެ ދުވަހެއް ނާންނާނެ ކަމަށާއި އެކަން އެއްވެސް ހާލަތެއްގައި ނުކުރައްވާނެ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 9:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއަދުގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ހެކިބަސް ނަގަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟