ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަރަށް އަވަހަށް ބަރުލަމާނީއަށް ބަދަލުވެގެން ދާނެ: ޖާބިރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަރަށް އަވަހަށް ބަރުލަމާނީއަށް ބަދަލުވެގެން ދާނެ ކަމަށް، ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީން ކުރިޔަށް ގެންދިޔަ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމުގެ ވެރިކަން ކާމިޔާބު ކަމާއެކު ނުހިންގޭނެކަން މާޒީންނާއި މިހާރުގެ ހާލަތަށް ބަލާއިރު އެނިގެންގޮސްފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުވި ނަމަވެސް، މިހާރު މި އޮތް ވެރިކަން ދެމިގެންދާނެ ކަމަށެވެ.

"ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ހޮވާފަ ހުރީ ފަސް އަހަރުގެ ދައުރަކަށް. އެހެން ވީމަ އެ ދައުރުގެ މުއްދަތު ހަމަވަންދެން އެމަނިކުފާނުގެ ވެރިކަން އޮންނާނެ އޮންނަން ޖެހޭނެ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ރަސްމީ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ދެއްވަމުން ގެންދަވާނެ ކަމަށެވެ.