ނުވަދިހައިގެ އަހަރުތަކުގައި ވިދަމުން ދިޔަ ތަރިއެއްކަމުގައިވާ ރަވީނާ ޓެންޑޮން އަށް އެކްޓް ކުރެވޭނެ ކަމަށް އޭނާގެ ބައްޕަ ހީނުކުރާ ކަމަށާއި ފިލްމީ ދާއިރާއަށް ނުކުތުމުން ބައްޕައަށް ލިބުނީ ސިހުމެއް ކަމަށް ރަވީނާ ބުނެފިއެވެ.
ރަވީނާ ބުނީ އޭނާ އެކްޓިން ސްކޫލެއްގައި ކިޔަވާފައިނުވާނެ ކަމަށާއި ނެށުންވެސް ދަސްކޮށްފައި ނުވާނެ ކަމަށެވެ. ސްކޫލު ނިމުމާއެކު ކެމެރާ ކުރިމައްޗަށް ނުކުތުމުން ބައްޕައަށް ސިހުން ލިބިގެންދިޔަކަމަށް އެވޯޑު ހަފުލާއެއްގައި ދިން އިންޓަވިއުގައި ރަވީނާ ވަނީ ބުނެފައެވެ.
ރަވީނާގެ ބައްޕަ އަކީ ފިލްމު އުފައްދާ ފަރާތެއްކަމަށްވާ ރަވީ ޓަންޑޮން އެވެ. ރަވީ ވަނީ ހަތްދިހައިގެ އަހަރުތަކުގަ އާއި އަށްޑިހައިގެ އަހަރުތަކުގައި މަގުބޫލު ފިލްމުތަކެއް އުފައްދާއެވެ. އޭގެ ތެރޭގައި 1974 ގައި ނެރުނު "މަޖްބޫރު"، 1975 ގައި ނެރުނު "ކޭލް ކޭލް މެއިން"، 1981 ގައި ނެރުނު "ވަގްތް ކީ ދީވާރު" އަދި 1982 ގައި ނެރުނު ފިލްމު "ޚުއްދާރު" ފާހަގަކޮށްލެވެއެވެ.
ރަވީނާ މިދުވަސްވަރު ފިލްމެއްގައި މަސައްކަތް ނުކުރިނަމަވެސް އޭނާއަކީ ސަލްމާން ޚާން ޕްރޮޑިއުސްކުރާ ޑާންސް ރިއަލިޓީ ޝޯއެއްގެ ޖަޖެކެވެ. ސަލްމާން އަކީ ރަވީނާ އެންމެ ފުރަތަމަ ކުޅުނު ފިލްމު "ޕައްތަރު ކީ ޕޫލް" ގައި އޭނާގެ ބައިވެރިޔާގެ ބައިކުޅުނު ބަތަލެވެ.