ރީކޯ މޫސާ މަނިކް

65 އަހަރުން މަތީގެ މީހަކު މަޖިލީހުގެ ރައީސް ކަމަށް އައުމަކީ ގާނޫނު އަސާސީއާ ފުށުއަރާ ކަމެއް ނޫން: މޫސަ

ޝަހީދާ އަބްދުﷲ ސައީދު

އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަކީ، ގާނޫނު އަސާސީއާ ފުށޫ އަރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޫސާ މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމާއި، އަދި މަޖިލީހުގެ ރައީސް ކަމާއި، ނާއިބު ރައީސް ކަމަށް ކުރިމަތިލުން އެއީ ވަރަށް ތަފާތު ދެކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ އިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނެ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހަކު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަކީ ގާނޫނު އަސާސީއާ ފުށޫއަރާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރަނީ ވަރަށް ގިނަ ކަންކަމަށް ވިސްނުމަށްފަހު ކަމަށް ވެސް މޫސާ ވިދާޅުވިއެވެ.

''ގާނޫނު އަސާސީއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަދާފައި އޮތް އެއްޗެއް. ގާނޫނު އަސާސީ މާނަކުރެވިދާނެ ކިތަންމެ ގޮތަކަށް. މަޖިލީހުން ގާނޫނުތައް ފާސްކުރަނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި.'' މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި މުސާ މަނިކު ވިދާޅުވީ ގާނޫނީ ބައެއް ވަކީލުން ގާނޫނު އަސާސީ ތަފާތު ގޮތްގޮތަށް މާނަކުރައްވާ ކަމަށާއި، އެކި ފަހަރު އެކި ގޮތަށް ވެސް މާނަކުރައްވާ ކަމަށެވެ.

އަދި ޝަރުއީ ކޯޓުތަކާއި އެހެނިހެން ފަރާތްތަކުން ވެސް ކަންކަން ނިންމާއިރު ގާނޫނު އަސާސީ ހިފެހެއްޓުމަށް މޫސާ މަނިކު ވަނީ އިލްތިމާސްކުރައްވައިފައެވެ.