ޝަހީދާ އަބްދުﷲ ސައީދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އޮތީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމެއް ކަމަށާއި އެ ޓީމުން ސުޕްރީމް ކޯޓު އެއްކިބާ ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، ޖޭއެސްސީގެ މެންބަރުކަމުގެ އުމުރު 30 އަހަރު ކަމަށް ކަނޑައަޅައި، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓްތަކެއްގައެވެ.
ޖޭއެސްސީން އަނެއްކާ ވެސް މަސައްކަތް ކުރަނީ ޖުޑިޝަރީ ވަކި ފިކުރަކަށް އަނބުރާލަންތޯ ސުވާލު އުފައްދަވައި، ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިން ވެސް ސްޕްރީމް ކޯޓުގައި ތަޅު އަޅުވައި، މަތިން ބަސް ބުނަން ކައުންސިލް އުފެއްދި ކަމަށެވެ. އަދި ޖޭއެސްސީގައި މިހާރު ތިބި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މުޅި ސުޕްރީމް ކޯޓު އެއްކިބާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޖުޑިޝަރީ އިސްލާހު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޖުޑިޝަރީ ތެރެއަށް ނުފޫޒު ފޯރުވައިގެން މިހާރު ހިންގާ ކަންކަމަކީ ޖުޑިޝަރީ ރިފޯމް ކުރުން ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.
''ރިފޯމް އަށް ވާނެ ގޮތަކީ ކޮބާ؟ މިއީ ގާނޫނުއަސާސީގެ ހުދޫދުގެ ބޭރުން ޖުޑިޝަރީއަށް ދެވޭ އެންމެ ބޮޑު ހަމަލާއަށް ނުވާންވީ ކީއްވެ؟'' ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
''ވަން'' އަށް ޑރ. ޖަމީލު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަކީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުން ނޫން ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ވެސް ފެނިގެން ދިޔައީ ބޭ އިންސާފުން މީހުން ވަޒީފާ ތަކުން ވަކިކުރުންކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ މި ސަރުކާރު ވެސް ހިނގަނީ އެމަގުން ކަމަށެވެ.
މަޖިލީހުން މިއަދު ފާސްކުރި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން، ޖުޑީޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންގެ އިތުރުން މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެއެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައެވެ.
މީގެ އިތުރުން އެ ބިލު މަޖިލީހަށް ހުށަހެޅިއިރު ޖޭއެސްސީގެ މެންބަރު ކަމުގެ އުމުރު 40 އަހަރަށް ބަދަލުކުރަން އޮތް ނަމަވެސް ބިލު ކޮމިޓީން އިސްލާހުކޮށް، މަޖިލީހުން މިއަދު ފާސްކުރިއިރު، މެންބަރުންގެ އުމުރު ވަނީ 30 އަހަރަށް ބަދަލު ކޮށްފައެވެ.
މި އިސްލާހުތައް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށް އެ ބިލު ތަސްދީގު ކުރެއްވުމާއެކު ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ވެސް ގެއްލޭނެއެވެ.
ޖޭއެސްސީގައި ތިބި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ސުޕްރީމް ކޯޓު އެއްކިބާކުރަން ނިންމާފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއިރު، ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖޭއެސްސީން ތައްޔާރުކުރި ދިރާސަ ބޮޑު ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފައެވެ.