ވިޔަފާރި

އެޗްޑީއެފްސީން 200 މިލިއަން ރުފިޔާގެ ސުކޫކް ވިއްކަން ނިންމައިފި

ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ފައިނޭންސް ކުރާ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ސުކޫކު ވިއްކަން ނިންމައިފިއެވެ. ސުކޫކަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ވިއްކާ ބޮންޑެވެ.

އެޗްޑީއެފްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ، ބޮންޑު ވިއްކަން ފުރުސަތު ހުޅުވާލަން ނިންމީ ގިނަ ފަރާތްތަކުން އެކަމަށް އެދެމުންދާތީ ކަމަށެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެޗްޑީއެފްސީ އިން ސުކޫކް ވިއްކިއިރު، 200 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން މި ބުރުގައި ވިއްކަން ނިންމާފައިވަނީ ޖުމްލަ 200،000 ސުކޫކެވެ. އަންނަ މަހުގެ 22 ވަނަ ދުވަހު ސުކޫކް ވިއްކަން ފަށާއިރު، ސުކޫކް ވިއްކަން ނިންމާފައިވަނީ 1،000 ރުފިޔާއަށެވެ.

ޝަފީގު ވިދާޅުވީ، ކޮންމެ ހަ މަހަކުން ފައިދާ ބަހަން ނިންމާފައިވާއިރު ސުކޫކް ގަންނަ ފަރާތަށް 65 ޕަސެންޓް ފައިދާ ލިބޭނެ ކަމަށެވެ. ބާކީ 30 ޕަސެންޓް ލިބޭނީ އެޗްޑީއެފްސީ އަށެވެ.

އެޗްޑީއެފްސީއަކީ 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސެންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކާއި 15 ޕަސެންޓު ހިއްސާ އޮންނަ އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ، އަހަރުން އަހަރަށް އިސްލާމިކް ފައިނޭންސަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމަށެވެ.

އެގޮތުން އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ މެދުވެރިކޮށް ހައުސިން ފައިނޭންސް ހޯދުމަށް ހުށަހަޅައި މިންވަރު އިތުރުވަމުންދާ ކަމަށާއި ކުންފުނީގެ ކަސްޓަމަރުންގެ 25 ޕަސެންޓަކީ އިސްލާމިކް އުސޫލުން ފައިނޭންސް ހޯދާ ކަސްޓަމަރުންކަން އޭނާ ފާހަގަކުރިއެވެ.