ސައިންޓިފިން ޑަރާމާ ފިލްމް 2.0 ނުވެމްބަރު 29 ގައި ނުކުންނައިރު އެފިލްމު ކާމިޔާބުވާނެ ކަމަށް ފިލްމު އުފެއްދި ޓީމުން ކުރާ އުުއްމީދު ބޮޑެވެ. ބޮލީވުޑްގެ މަގުބޫލު ދެ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ އަދި ރަޖްނީކާންތް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް އަކީ، ސައިންސްޓިސްޓެއްގެ އެކްސްޕެރިމެންޓެއް ގޯސްކޮށް ހެދިގެން ދިމާވާ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާ ފެނި ގިނަ ބަޔަކު ވަނީ ފިލްމާ މެދު އިތުރަށް ޝައުގުވެރި ވެފަ އެވެ. ކުރިން ރޮބާޓް ގެ ބައި އެހެން ފިލްމެއްގައި ކުޅެފައިވާ ރަޖްނީކާންތް މި ފިލްމްގައިވެސް އެވޭޓާ ކޮސްޓިއުމްގައި ފެނިގެން ދާތީ އޭނާގެ ފޭނުން ތިބީ އުފަލުންނެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި އަކްޝޭ މި ފިލްމްގައި ކުޅެނީ ނުބައިބައެވެ. އަދި ބައެއް ބަސްތައް ޓެމިލް ބަހުންވެސް ބުނެފައި ހުރެ އެވެ.
އަކްޝޭ އިންސްޓަގްރާމުގައި މިވަނީ އޭނާގެ ލުކްގެ ކްލޯސްއަޕެެއް ޕޯސްޓްކޮށްފައެވެ. އެ ޕޯސްޓް ހިއްސާކުރަމުން އަކްޝޭ ބުނެފައިވާ ގޮތުގައި ދުވަހަކުވެސް މޭކަޕް ނުކުރާ އެކްޓަރަކު، 2.0 ގައި ފެންނާނީ މުޅިން ތަފާތުކޮށެވެ.
ފިލްމްގެ ޓްރެއިލާ ޗެންނާއީގައި ލޯންޗު ކުރި އިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަކްޝޭ ބުނިގޮތުގައި ފިލްމްގައި ކުޅެނީ ވަރަށް ޗެލެންޖިން ރޯލެކެވެ. އަކްޝޭވަނީ އޭނާގެ މޭކަޕް ކުރުމަށް ހަތަރު ގަޑި އިރު ނަގާ ކަމަށް ވެސް އަކްޝޭ ބުންޏެވެ. އަދި އެ މޭކަޕް ދޮވުމަށް ވެސް އަނެއް ދޮޅުގަޑި އިރު ނަގާކަމަށް އަކްޝޭ ބުންޏެވެ. މުޅި ކެރިއަރުގައިވެސް އެވަރަށް މޭކަޕް ނުކުރާ ކަމަށް އަކްޝޭ ވަނީ ބުނެފަ އެވެ.