ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ޖޭއެސްސީގެ ގާނޫނުގެ އިސްލާހު ތަސްދީގުކުރުމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރުގެ މަގާމު ވެސް ގެއްލޭނެ

ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވޭނެ ކަމަށް ކަނޑައަޅައި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލޭނެ އެވެ.

މަޖިލީހުން ފާސްކުރި ބިލްގައި ބުނެފައިވަނީ، ޖޭއެސްސީގެ ދަށަށް، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާ އެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ ކަމަށެވެ. އަދި އެހިސާބުން ސުޕްރީމް ކޯޓުގެ ދަށުން މިހާރު ޑީޖޭއޭ އުވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑީޖޭއޭގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނަވަނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރެވެ.

މި ބިލުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ޖޭއެސްސީއަށެވެ.

ޑރ. ނަޒީރުގެ އިތުރުން ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ވެސް މިއަދު މި ފާސްކުރި އިސްލާހުގެ ސަބަބުން ގެއްލޭނެ އެވެ. އެއީ ޖުޑީޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންގެ އިތުރުން، މަސައްކަތްތަކާއި، އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަަމަށް ބިލުގައި ހިމަނާފައިވާތީއެވެ. އަދި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ.