އިބްރާހިމް ޒަކީ
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުގެ އުމުރު 30 އަހަރު ކަމަށް ކަނޑައަޅައި، ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް އޮތް އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލް މަޖިލީހަށް ހުށަހެޅިއިރު ޖޭއެސްސީގެ މެންބަރުޖަމުގެ އުމުރު 40 އަހަރަށް ބަދަލުކުރަން އޮތް ނަމަވެސް، ބިލު ކޮމިޓީއަށް ގެންގޮސް އިސްލާހު ކޮށްގެން ގެނަސް މަޖިލީހުގެ މިއަދު ފާސްކުރިއިރު، މެންބަރުންގެ އުމުރު ވަނީ 30 އަހަރަށް ބަދަލު ކޮށްފައެވެ.
މިހާރު ޖޭއެސްސީގެ މެންބަރުންގެ އުމުރެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވަނީ 25 އަހަރެވެ.
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައިވާގޮތުން، ޖުޑީޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންގެ އިތުރުން، މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ އެވެ. ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މި އިސްލާހުގައިވާގޮތުން މާޖިދު އަދާކުރައްވަމުން ގެންދަވާ ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރުކަމުގެ މަގާމު އުވިގެންދާނެއެވެ.
މި އިސްލާހުގައިވާގޮތުން ޗީފް ޖުޑިޝަލް އެޑް މިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމުގެ ބާރު ދީފައިވަނީ ޖޭއެސްސީއަށެވެ.