ސަރުާކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.
ފިނޭންސުން މަޖިލީހަށް ބަޖެޓު ފޮނުވާފައިމިވަނީ، މި ހަފުތާތެރޭގައި އެ ބަޖެޓް މަޖިލީހަށް ހުށަހެޅިގެން ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުންވެސް ވިދާޅުވެފައި ވަނިކޮށެވެ.
ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ނިންމީ ކޮންޓިންޖެންސީއަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ދައްކަން ޖެހިފައިވާ މައްސަލައިގައި ބަޖެޓުން ފުރުސަތު ހޯދުމަށެވެ.
އަދި މިފަދަ ބަޖެޓެއް ހުށަހެޅުމުގެ މަގުސަދަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރެއިން މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތައް ފެށުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައި މިވަނީ، މި އަހަރަށް އަމާޒުކޮށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްދީފައި ވަނިކޮށެވެ.
ސަރުކާރުން ބުނެފައިވަނީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި، މިހާތަނަށް އެ ބަޖެޓުން 14.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.