ރައްޔިތުންގެ މަޖިލިސް

ކޮމިޓީތަކުގެ މަސައްކަތަށް މެންބަރުން ދިއުމަށް މަޖިލިސް ޖަލްސާ މެދުކަނޑާލައިފި

އިބްރާހިމް ޒަކީ

ކޮމިޓީތަކުގެ މަސައްކަތުގެ މަސއްކަތުގައި ގިނަ މެންބަރުންތަކެއް ތިއްބެވުމުން، 1:00ގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައި މިވަގުތަށް މަޖިލިސް މެދުކަނޑާލައިފިއެވެ.

އެގާރަގަޑި ބައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވައި ލައްވަމުން، ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، މިވަގުތު މަޖިލީހުގެ 70 ވަރަކަށް މެންބަރުން ކޮމިޓީތަކުގައި ތިއްބަވަން ޖެހޭ ކަމަށެވެ. އެހެންކަމުން 1:00ގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމަވައި ޖަލްސާ މެދުކަނޑުއްވައި ލެއްވީ ކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ 1:00ގައި މަޖިލިސް ޖަލްސާ ފަށައިގެން ކުރިއަށް ދާނީ ކޮމިޓީތަކުން ނިންމާފައިހުރި ރިޕޯޓުތަށް މަޖިލީހަށް ހުށަހެޅުން ކަމަށެވެ. އެގޮތުން ހަ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީތަކުން ނިންމާފައި ވާކަމަށް އީވާ ވިދާޅުވިއެވެ.

ކޮމިޓީތަކުން ގިނަ ރިޕޯޓްތަކެއް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 1:30ގައި އޮންނަ ވޯޓުނަގާ ވަގުތުގައި ގިނަ ރިޕޯޓްތަކަކަށް ވޯޓަށް އަހާނެއެވެ.

މިހާ ހިސާބަށް އެޖެންޑާ އޮތް ގޮތުންވެސް، ގްރޫޕުތައް ހަދައިގެން ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާބެހޭ މައްސަލައިގައި ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ކޮމިޓީން ހުށަހަޅާފައުވާ ރިޕޯޓްގެ އިތުރުން މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް މިއަދު ވޯޓަށް އަހާނެ އެވެ.