އައްސުލްޠާނާ ޙަދީޖާ ރެހެންދި ކަނބައިދިކިލެގެ ސިރީ ރާދައަބާރަނަ މަހާރެހެންދިއަކީ، އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރުގެ ދޮށީ ދަރިކަނބަލުންނެވެ. އައްސުލްޠާން އަޙުމަދު ޝިހާބުއްދީންގެ ދައިތާފުޅެވެ. މި ދ ބޭފުޅުންނަކީ، އެއް ބައްޕާފުޅު ނަމަވެސް ދެ ބަނޑުގެ ދެ ބޭފުޅުންނެވެ. މަންމާފުޅުގެ ނަންފުޅެއް އަދި ހޯދިފައެއް ނެތެވެ.
އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ހައްދުންމަތީގައި އަވަހާރަވުމަށް ފަހުގައި، ދިވެހި ތަޚުތަށް އިސްކުރެވުނީ އެ ރަދުންގެ ދައިތާފުޅު ޚަދީޖާއެވެ. މި ކަން ހިނގީ މީލާދީން 1341 (742ހ) ވަނަ އަހަރުއެވެ. މި ކަމަނާ އެއިރު ކައިވެނިބައްލަވައިގެން އިންނެވީ ޚަޠީބު މުޙައްމަދުލް ޖަމީލު (އިބްނު ބަޠޫޠާ ލިޔުއްވައިފައިވާ ގޮތުގައި މުޙައްމަދު ޖަމާލުއްދީން) އާ އެވެ. ދިވެހިން މިބޭކަލަށް ކިޔައި އުޅެނީ "ރިވެތި މުޙައްމަދު" އެވެ.
މި ރަނިކަމުގެ ކުރީކޮޅުގެ އަހަރުތަކުގެ ވަރަށް ގިނަ މަޢުލޫމާތު ލިބެނީ، މީލާދީން 1343 (744ހ) ވަނަ އަހަރުގެ ކުރީކޮޅުގައި ރާއްޖެއަށް ވަޑައިގެންނެވި މަޢުރިބު ކަރައިގެ ސައްޔާޙު އިބްނު ބަޠޫޠާގެ ލިޔުއްވުމުންނެވެ. އެއިރު ތަޚުތުގައި އިންނެވީ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެއެވެ. (ގްރޭ، 1882މ: ޞ 2)
އައްސުލްޠާނާ ރެހެންދި ޚަދީޖާ ކަނބައިދި ކިލެގެ ތިން ބޭފުޅަކާ ކައިވެނިފުޅު ބައްލަވައިގެންކަން އެނގެން އެބައޮތެވެ. ފުރަތަމަ ފިރިކަލުންނަކީ މުޙައްމަދުލް ޖަމީލްއެވެ. މި ފިރިކަލުންނަކީ ފަހުން އައްސުލްޠާން މުޙައްމަދުލް ޖަމީލްއެވެ. މި ފިރިކަލުންނަށް ބޭފުޅަކު ލިބިވަޑައިގެންނެވިކަން އިބްނު ބަޠޫޠާގެ ލިޔުއްވުމުން އެނގެއެވެ. ނަމަވެސް ބޭފުޅަކާ ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.
މި ކަމަނާގެ ދެވަނަ ފިރިކަލުންނަކީ ޢަބްދުﷲ މުޙައްމަދު އަލްޙަޟްރަމީ އެވެ. މި ބޭފުޅަކީ މި ކަމަނާގެ ދޮންމަންމާފުޅު ކައިވެނިފުޅުކުރެއްވި ބޭފުޅެކެވެ. ޖަލާލުއްދީން ޢުމަރުވީރު ރަދުން އަވަހާރަވުމުން އެ ރަދުންގެ ހުވަފަތް އަނބިކަނބަލުން، އައްސުލްޠާން އަޙްމަދު ޝިހާބުއްދީންގެ މަންމާފުޅު ކައިވެނިކުރެއްވި ބޭފުޅެކެވެ.
ތިންވަނަ ފިރިކަލުން ކަމަށް އެނގޭ ބޭފުޅަކީ، 1356މ ވަނަ އަހަރު ބޮޑުގަލު މިސްކިތު ލޯމާފާނު ލިޔެވުނު އިރު، އެ ކަމަނާ ކައިވެނިފުޅު ކުރައްވައިގެން އިންނެވި ޢަލީ ހަނދޭގިރި ކިލެގެއެވެ. މި ނޫން އެެހެން ކައިވެނިފުޅެއް ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ.
ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރާ ބެހޭ ގިނަ މަޢުލޫމާތު ލިބެނީ އިބްނު ބަޠޫޠާގެ ލިޔުއްވުމުންނެވެ. އިބްނު ބަޠޫޠާ ރާއްޖެވަޑައިގަތީ 1343މ ވަނަ އަހަރު، މި ކަމަނާގެ ފުރަތަމަ ރަނިކަމުގެ ދުވަސްވަރުއެވެ.
އެދުވަސްވަރު ފަނޑިޔާރުކަމުގައި ހުންނެވީ ޢީސާ އަލް ޔަމަނީއެވެ. އަލްޤާޟީ ޢީސާ އަކީ ޔަމަންގެ ބޭފުޅެކެވެ. އިބްނު ބަޠޫޠާ ރާއްޖެއަށް ވަޑައިގަތުމަށް ފަހު، ޢީސާ އަލް ޔަމަނީ ފަނޑިޔާރުކަމުން ވަކިކުރައްވައި، އެ މަޤާމު އިބްނު ބަޠޫޠާއަށް ދެއްވިއެވެ. އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، "އޭނާއަކީ ރަނގަޅަށް ޢިލްމު ދަންނަ މީހަކު ވެސް ނޫނެވެ." (ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 2، 1986މ : ޞ 17)
އިބްނު ބަޠޫޠާ ވިދާޅުވެފައިވާ ގޮތުގައި، އައްސުލްޠާނާ ޚަދީޖާ ރަނިކަމަށް އިސްކުރުމާއި އެކުގައި، އެ ކަމަނާގެ ފިރިކަލުން މުޙައްމަދުލް ޖަމީލް ބޮޑުވަޒީރަށް ވެވަޑައިގެން، އެ ކަމަނާގެ މައްޗަށް ބާރުހިންގަވަން ފަށްޓަވައިފިއެވެ. މި މުޙައްމަދުލް ޖަމީލް ކުރިން ހުންނެވި ޚަޠީބުގެ މަޤާމަށް އިސްކުރެއްވީ، އޭނާގެ މުޙައްމަދު ކިޔުނު ދަރިކަލުންނެވެ. ވެރިކަން ހިންގެވުމުގައި ހުރިހައި ކަމެއް ވެސް ހިންގަވަނީ ރަނިކަމާގެ ނަންފުޅުގައެވެ. އަދި ރަސްމީ ލިޔުންތައް ވެސް ހުންނަނީ މި ފަދައިންނެވެ. މި ތަކެތި ލިޔެ އުޅުނީ، ވަޅިއެއް ކަހަލަ ގޮތަކަށް ގުދުކޮށްފައި އޮންނަ ދަގަނޑުކޮޅަކުން، ފަންވަތުގައެވެ. ކަރުދާހުގައި ލިޔެ އުޅުނީ ޤުރުއާނުގެ އާޔަތްތަކާއި ޢިލްމީ ލިޔުންތަކެވެ. ހުކުރު ދުވަސްދުވަހުގައްޔާއި އެހެން ދީނީ ޚުޠުބާތަކުގައި ރަނިކަމަނާގެ ނަންފުޅު ގެންނަވައެވެ. (ގްރޭ، 1882މ: ޞ 17)
ރާއްޖެއަށް ވަޑައިގަންނަވާ އެކިއެކި މެހެމާނުންނާ ބައްދަލުކުރެއްވުމުގައި، ރަނިކަމަނާއާއި އެ ކަމަނާގެ ފިރިކަލުން ބޮޑުވަޒީރު މުޙައްމަދުލް ޖަމީލް (އިބްނު ބަޠޫޔާގެ ލިޔުއްވުމުގައި "ޖަމާލުއްދީން") އާ ދެކަނބަލުން ބައިވެރި ވެވަޑައިގަންނަވައެވެ. މިފަދަ މެހެމާނުން ފުރަތަމަ ރަނިކަމަނާއަށް ކުރުނީސްކުރައްވައިފައި އެ ކަމަނާގެ ފައިންޕުޅުދޮށަށް ފޮތިފޭއްޔެ އެއްލަވައެވެ. އޭގެ ފަހުގައި ބޮޑުވަޒީރަށް ކުރުނީސްކުރައްވައި އެ މަނިކުފާނުގެ ފައިންޕުޅުދޮށަށް ވެސް ފޮތިފޭއްޔެއް އެއްލަައެވެ.
(ނުނިމޭ)