އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތަށް 13909.56 ރުފިޔާ ހަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންގެ ކޮއްތަށް ދުވާލަކަށް ހަރަދުވާ މިންވަރު އޮޅުން ފިލުވުމަށް ބޭފުޅަކު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައި ހިމެނޭ މައުލޫމާތު އެ ފަރާތަށް ދެއްވާނެ ކަމަށް ވިދާޅުވެ، އެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެންބަރެއްގެ ކޮއްތަށް 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ.
ނަމަވެސް އޭގެން ކުޑަ މިންވަރެއް މަޖިލީހުުގެ މުވައްޒަފުންނަށް ލިބިގެންދާ ކަމަަށާއި، އެހެންކަމުން މެންބަރުންނަށް ކޮއްތު ލިބެނީ އޭގެން ކުޑަ މިންވަރެއް މަދުވެގެން ކަމަަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުންގެ ކޮއްތުން މުވައްޒަފުންނަށް އެތިކޮޅެއް ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް މެންބަރުންނާއި ރައްޔިިތުން ދެކޭނަމަ އެއަށް ބަދަލު ގެނެވޭނެ ކަމަށެވެ.
މަޖިލީހުގެ ތާރީހުގައި އެކަން ހިނގާފައިވާ ގޮތް އޮޅުން ފިލުއްވައި ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮތީ ހުރިހާ ބޮޑުން އެކީގައި ސައިބުއިމަށް ކަމަށެވެ.
އެގޮތުން 1932 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ސައިގެން ކަންތައް ހިނގަމުންދިޔަ ގޮތަށް ބަލާއިރު މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް ޝިހާބު އެހެން މެންބަރުންނާ އެކުގައި މޭޒުކޮޅުގައި އިންނަވައިގެން ސައިފޮދު ހިއްޕަވާތަން މަޖިލީހުގެ ފޮޓޯތަކުން ފެނިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.