މަސްތުވާތަކެތީގެ މައްސަލަތައް

މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މާފަންނުގައި ހުރި ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯރސްމެންޓް ޑިޕާރޓްމެންޓުން އިއްޔެގެ 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި މާފަންނުގައި ހުރި ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ކޯޓު އަމުރެއްގެ ދަށުން މި މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ބުލެޓް އާއި، ފުއްޕާ ހަމަކާއި، ޖޫސްޕެޓީ ކޮތަޅާއި، ހަތް ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފއިހުރި ބިޑިއެއް ފެނިފައިވާ ކަމަށެވެ.

ފެނުނު ތަކެތީގެ ތެރޭގައި ހިރޮއިން 75 ގުރާމް އަދި ކެންބިސް 17 ގުރާމް ހުރިކަމަށް އެތަކެތީގެ ވަގުތީ ބަރުދަން ދައްކާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.