އެމެރިކާގެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި، ނެޓްފްލިކްސްގެ އާ ޑޮކިއުމަންޓްރީ ހަދަނީ މިހާތަނަށް އެއްވެސް މީހަކަށް ދެވިފައިނުވާ ތަނަކާ ބެހޭގޮތުންނެވެ. އެއީ މައިކްރޮސޮފްޓުގެ ބާނީ އަދި ބިލިއަނަރު ބިލް ގޭޓްސްގެ ސިކުނޑި ތެރެއަށެވެ.
"އިންސައިޑް ބިލްސް ބްރެއިން: ޑިކޯޑިން ބިލް ގޭޓްސް" އަކީ އަންނަ މަހު ނެޓްފްލިކްސް އަށް އަންނަ ޑޮކިއުމަންޓްރީ އެކެވެ.
ތިން ބަޔަކަށް ބަހާލައިގެން ދައްކާ އެ ޑޮކިއުމަންޓްރީ އަމާޒު ކޮށްފައިވަނީ ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލު ގެންނެވި ގޮތަށާއި ވިޔަފާރި ލީޑަރަކަށްވެ ކަންތައް ކުރެއްވި ގޮތާއި އަދި ފަހުން ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރަން އޭނާ ވިސްނުން ގެންގުޅުއްވާ ގޮތުގެ މައްޗަށެވެ.
އެ ޑޮކިއުމަންޓްރީ ޑައިރެކްޓް ކޮށްފައިވަނީ "އޭން އިންކޮންވީނިއަންޓް ޓުރުތު" އިން 2007 ވަނަ އަހަރު އޮސްކާ ހޯއްދެވި ޑައިރެކްޓަރު ޑޭވިސް ގުގެންހައިމްއެވެ.
"އަހަރެން މަސައްކަތްކުރާ ރިސްކު ބޮޑު އަދި ކާމިޔާބު ނުވެދާނެ ކަމަށް ބެލެވޭ ޕްރޮޖެކްޓުތަކާ ބެހޭގޮތުން ޑޮކިއުމެންޓަރީއެއް ހަދަން ޑޭވިސް ވިސްނުންފުޅެއް ގެންގުޅުއްވި. އަދި އެކަން އަހަންނަށް ވެގެންދިޔައީ ވަރަށް ޝައުގުވެރި ކުރުވި ކަމަކަށް،" ގޭޓްސް އެންޓަޓައިންމަންޓް ވީކްލީއަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ޑޮކިއުމަންޓްރީގެ ސަބަބުން ބޮޑެތި މައްސަލަތައް ހައްލުކުރެވިދާނެކަން މީހުންނަށް ވިސްނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، މައިކްރޮސޮފްޓުގެ ސީއީއޯ ކަމުން 2000 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށްފަހު ގޭޓްސް މިހާރު އުޅުއްވަނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެއްވުމުގައި އެހީތެރިވުމުގައެވެ.
އެ މަސައްކަތް އޭނާ ކުރައްވަނީ، އަނބިކަނބަލުން މެލިންޑާ ގޭޓްސްއާއެކު އުފެއްދި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން މެދުވެރިކޮށެވެ. އެ ފައުންޑޭޝަންއަކީ އެންމެ ބޮޑު އެސެޓަކާއެކު ހިންގާ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ފައުންޑޭޝަންއެެވެ.