ބޮލީވުޑް

ވާހަކަދެއްކުމުގެ ދަތިކަމަށް ހައްލު ހޯދައި ދިނީ ރިތިކް: ސަމީރާ ރެޑީ

ވާހަކަދެއްކުމަށް ދަތިކަން ހުރި ކަމަށާއި އެކަމަށް ހައްލު ހޯދައިދީ އެހީވެދިނީ ރިތިކް ރޯޝަން ކަމަށް ބަތަލާ ސަމީރާ ރެޑީ ބުނެފިއެވެ.

ޗެޓް ޝޯ އެއްގައި ވާހަކަ ދައްކަމުން ސަމީރާ ބުނި ގޮތުގައި އޭނާއަކީ ސްޓެމަރިން (ވާހަކަ ދައްކާއިރު އަޅައިގަންނަ ގޮތް ވުން) ހުންނަ މީހެއްކަމަށެވެ. އޭނާއަށް އެކަމުން އަރައިގަތުމަށް އެހީވެދިނީ ރިތިކް ކަމަށް އޭނާ ބުންޏެވެ. ރިތިކް އަކީވެސް ކުރިން ސްޕީޗް ޑިސްއޯޑާ ހުރި ތަރިއެކެވެ.

ސަމީރާ އިތުރަށް ބުނީ ސްޓެމަރިން ހުންނާތީ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ޖެހިލުންވެ އޮޑިޝަންތަކަށްވެސް ދާން ނުކުރޭކަމަށެވެ. ނަމަވެސް ރިތިކްއަށް އެކަން އެނގުމުން އޭނާއަށް ފޮތެއް ދިން ކަމަށެވެ. އަދި އެފޮތް ކިޔުމުން ކުރިން އުފެދިގައި ހުރި ބިރުގަތުމާއި ޖެހިލުންވުން މަޑުކަޑުން ކެނޑެންފެށި ކަމަށާއި ވާހަކަދެއްކުމަށް ކޮންފިޑެންސް ވެސް އަންނަންފެށިކަމަށް ސަމީރާ ބުންޏެވެ. މީގެ އިތުރުން ސްޕީޗް ތެރަޕީވެސް ފެށިކަމަށާއި އޭގެ ސަބަބުން ވާހަކަދައްކަން ފަސޭހަވެގެން ދިޔަކަމަށް ވެސް ސަމީރާ ފާހަގަކުރިއެވެ.

ރިތިކްގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަކަން ފާހަގަކުރަމުން ސަމީރާ ބުނީ އޭނާ އަބަދުވެސް ރިތިކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އޭރު ރިތިކް ދިން ފޮތް އަދިވެސް އޭނަ އަތުގައި އެބައޮތް ކަމަށް ބުންޏެވެ.

ސަމީރާ ވަނީ 2014 ގައި ވިޔަފާރިވެރިޔާ އަކްޝައި ވާރދޭއާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ.

ހިޓް ފިލްމުތައް ކަމަށްވާ "ޑަރްނާ މަނާ ހެއި"، "ނޯ އެންޓްރީ"، "ރޭސް"، "ދޭ ދަނާ ދަން" ފަދަ ފިލްމު ތަކުން ސަމީރާވަނީ ފެނިގެން ގޮސްފައެވެ.