ސުޕްރީމް ކޯޓް

ކާނަލް ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ އަކު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ނާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ހައި ކޯޓުން ތާއީދުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްމާސްކޮށްދިނުމަށް އެދި ކުރިން ހުށަހެޅި ސަބަބުތައް ބަލައި، އެ މައްސަލަ ބަލައިނުގަތުމަށް 26 ޖޫން 2016ގައި އެ ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ނާޒިމް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.

އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.