އަލީ ރިފްޝާން
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް، ކިރްގިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ކިރްގިސްތާނުން ސެޓުތައް ގެންދިޔައީ 25-15، 26-24 އަދި 25-19 އިންނެވެ. އެ މެޗަކީ ރާއްޖޭގެ ފުރަތަމަ މެޗެވެ. އަދި އެއީ ގްރޫޕު ސްޓޭޖުގައި ކިރްގިސްތާން ކުޅެން ޖެހޭ ފަހު މެޗެވެ.
އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ. ކިރްގިސްތާނުގެ ގިނަ ހަމަލާތަކެއް ރާއްޖެއަށް ރަނގަޅަށް ބްލޮކް ކުރެވިފައެއް ނުވެއެވެ. އެ ސެޓުގައި ކިރްގިސްތާނުގެ ގިނަ ސާވިސްތަކެއް ގެއްލިގެން ދިޔަ ނަމަވެސް، އޭގެ ފައިދާ ރާއްޖެއަށް ނެގިފައެއް ނުވެއެވެ.
ދެވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ސެޓުގެ 22 ޕޮއިންޓާ ހަމައަށް ރާއްޖެ އޮތީ ބޮޑު ލީޑެއްގައެވެ. ސެޓުގެ ކުރީކޮޅު ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި ހަސަން ނިލާމާއި އަލީ ހުޒާމާއި ހުސައިން ވިސާމް އަދި އާދަމް ފައިރޫޒްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ރާއްޖެއަށް ލީޑު ގެއްލިގެންދިޔައީ އެ ސެޓުގެ ފަހުކޮޅު ކިރްގިސްތާނުން ކުޅުން ވަރުގަދަ ކުރުމާއެކު ހެދުނު ގޯސްތަކެއް ސަބަބުންނެވެ.
ތިންވަނަ ސެޓުގެ ކުރީކޮޅު ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ނަމަވެސް ކުރީކޮޅުން ފެށިގެން ފަހު ޕޮއިންޓާ ހަމައަށް ލީޑުގައި އޮތީ ކިރްގިސްތާނެވެ. އެ ސެޓުގައި ވެސް ރާއްޖެއަށް ކިރްގިސްތާނުގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ ހަމަލާތައް ބްލޮކު ކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.
ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށް ނޭޕާލާ ދެކޮޅަށް މާދަމާއެވެ. ނޭޕާލްގެ ފުރަތަމަ މެޗުގައި އިއްޔެ ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެހެންކަމުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
ހަތް ޓީމެއް ވާދަކުރާ އެ މުބާރާތުގެ އަނެއް ގްރޫޕުގައި ހިމެނެނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނާއި އުޒްބެކިސްތާން އަދި ބަންގުލަދޭޝްއެވެ.