ސުޕްރީމް ކޯޓް

ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރުކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ސުޕްރީމް ކޯޓުން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޝަރުއީ ދާއިރާއިން ބާއްވާ ހަރަކާތްތަކާއި، ޝަރީއަތުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީ ނުވައްދަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންް ނިންމީ އެކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް އެ ސްޓޭޝަނުން ގެނެސްދިންކަމުގެ ތުހުމަތުގައެވެ.

ސުޕްރީމް ކޯޓުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ.

އަދި އެ އަމަލަކީ ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ ޚިލާފު އަމަލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ.

އެހެންކަމުން އެ މައްސަލަ ބަލައި ތަހުގީގުކޮށް މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ހަރަކާތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނޯންނާނެ ކަމަށް ފަނޑިޔާރުން ނިންމަވާފައިވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟