މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިމޭނެ: އިކޮނޮމިކް މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

އަންނަ ޑިސެންބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިންމައި، އެކަމާއި ގުޅޭ ލަފާ އިކޮނޮމިކް މިނިސްޓަރަށް އަރުވާނެ ކަމަށް މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ބުނެފިއެވެ.

މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް ހާއްސަ ބޯޑެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އެކުލަވާލި ލަފާދޭ ބޯޑުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ބޯޑުގެ ލަނޑުދަނޑިއަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ މުސާރައާއި އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމައި، އެކަމާގުޅޭ ގޮތުން މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އެރުވުން ކަމަށެވެ.

އަދި އެ މަސައްކަތަކީ ރާއްޖޭގައި އަލަށް ތައާރަފް ކުރެވޭ ކަމަކަށްވުމާއިއެކު، އެކަމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު އެއްކޮށް، ދިރާސާތައް ހެދުމަށް ކުރިއަށް ގެންދާނެ ރޯޑު މެޕެއް އެކުލަވާލައި، އެއާ އެއްގޮތަށް ބޯޑުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މިނިމަމް ވޭޖްގެ މަސައްކަތް ތަކަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އެހީ އާއި ލަފާ ލިބެމުން އަންނަކަން ފާހަގަކޮށް ލަފާދޭ ބޯޑުން ބުނީ، މިދިޔަ ޖުލައި މަހު އެ ޖަމިއްޔާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ސަރުކާރުގެ މުއައްސަސާތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށް މަސައްކަތު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތުގައި އައިއެލްއޯގެ އެހީތެރިކަން އިތުރަށް ހޯދުމުގެ ގޮތުން އެ ޖަމިއްޔާގެ ފަރާތުން ލީޑް ކޮންސަލްޓެންޓެއްގެ ލަފާ ބޯދަށް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މި ބޯޑުން މިހާރު ކުރިއަށް ގެންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބެންހުރި މައުލޫމާތުތައް އެއްކުރުމެވެ. އަދި މިހާރު ލިބިފައިހުރި މައުލޫމާތުގެ އިތުރުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި އެންޓަޕްރައިޒް ސާވޭ އެއް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ،" ލަފާދޭ ބޯޑުގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.