މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ދިނުމުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ވެފައިވާ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުން ރާއްޖެ އާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ.

އެ ދެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 30 މިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލޯނުގެ ގޮތުގައެވެ.

ފުރަތަމަ އެއްބަސްވުމުގެ ދަށުން ދައުލަތުގެ ބަޖެޓާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ފްރޭމްވޯކް އެކުލަވައިލުމަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

ދެވަނަ އެއްބަސްވުމުގެ ދަށުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ބާރުވެރި ކުރުވުމަށެވެ.

މިއީ ވޯލްޑް ބޭންކުގެ "ކެޓް ޑީޑީއޯ" އާއި ޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީގެ ދަށުން ދޭ އެހީއެކެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖެ އަންނަނީ އިގްތިސާދީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުން ކުރިއަރަމުންނެވެ. ނަމަވެސް ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށްވާތީ ގުދުރަތީ ހާދިސާތަކުން ލިބިދާނެ ގެއްލުން ބޮޑުކަމަށް އެ ބޭންކުން ބުނެއެވެ.