ރައްޔިތުންގެ މަޖިލިސް

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ފާޑު ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ފާޑު ވިދާޅުވެއްޖެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވީ، އެ ބިލު ސަރުކާރުން ހުށަހެޅި މަގުސަދު އެނގިވަޑަައި ނުގަންނަވާ ކަމަށެވެ. އަދި އެ ބިލު ހުށަހެޅުއްވި މެންބަރުވެސް ބިލުގެ މަގުސަދު މާބޮޑަށް ވިދާޅުވެފައިނުވާ ކަމަށެވެ.

މެންބަރު މޯޑު ވިދާޅުވީ، ސަރުކާރުން ހުށަހެޅި މި އިސްލާހަކީ އިންތިހާއަށް ކަންބޮޑުވާ އިސްލާހެއް ކަމަށާއި، ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް ލިބިފައިވާ ރައްކާތެރިކަމާއި ހިމާޔަތް މި އިސްލާހުގެ ސަބަބުން ނިގުޅައިގަނެވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ފޮޓޯގްރަފީ އާއި ސުވެނިއާ އާއި ވޯޓާ ސްޕޯޓްސް ފަދަ ވިޔަފާރިތައް ހިމެނޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރެއަށް ބިދޭސީންނަށް ނުވަދެވޭ ގޮތަށް އެ ވިޔަފާރިތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް މިހާރު ގާނޫނު ބައްޓަން ކޮށްފައިވަނީ، އެ ފަރާތްތަކުން، ހާއްސަކޮށް ޒުވާނުން ކުރި ބުރަ މަސައްކަތް ތަކަކުން ކަމަށެވެ.

ނަމަވެސް މި އިސްލާހުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ފާހަގަކުރެވިފައިވާ، ގެސްޓްހައުސް ވިޔަފާރި އާއި ހޮޓާ ރެސްޓޯރެންޓް ފަދަ ވިޔަފާރީގެ ތެރެއަށް ފަސޭހަ ކަމާއެކު ބިދޭސީިން ވަދެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯޑު ވިދާޅުވީ، ދިވެހި ވިޔަފާރީގެ ތެެރެއަށް ބިދޭސީންގެ ނުފޫޒު ވަންނަމުން ދާ ވާހަކަ ދައްކާއިރު، ފަސޭހައިން އެފަދަ އިތުރު ފުރުސަތުތައް ބިދޭސީންނަށް ލިބޭގޮތަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެ އެއޮތް ގޮތަށް މި އިސްލާހު ފާސްކުރުމަކީ ހެޔޮވާވަރު ކަމެއް ނޫން، ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބިލު މިގޮތަށް ފާސް ނުކުރުމަށް އޭނާ ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.

މި ބިލުގައިވާ ބައެއް ކަންތައްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، މި ބިލަކީ ރަނގަޅު މަގުސަދެއްގައި ހުށަހެޅި ބިލެއްނަމަ، ކުދި ވިޔަފާރިތަކަށް ބިދޭސީންނަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ކޮމިޓީން ބިލުގައިވާ އެ ފަދަ ކަންތައްތައް އިސްލާހު ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވާލައި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފަސޭހަ ގޮތްތަކެއް ހިމަނައިގެންނެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވުނީ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރިތައް މި ގާނޫނަށް އަމަަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހުގައި ބިދޭސީ ވިޔަފާރި ރަޖިސްޓްރީ ކުރަން ލުއި ގޮތްތަކެއް ގެންނަން ހިމަނާފައިވެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ. އަދި އެ ގާނޫނުގެ ހަވަނަ މާއްދާގައި ވަނީ ބިދޭސީންނަށް ކުރެވޭ ވިޔަފާރީގެ ޝަރުތުތަކާއި، އުސޫލު ކަނޑައަޅައިފައެވެ.

އެގޮތުން، އެފަދަ ފަރާތަކުން ކުރާ ވިޔަފާރިއެއް ނަމަ އެ ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު، ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކީ، ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރިއަކަށްވުމާއި ވިޔަފާރިކުރާ ފަރާތަކީ އިތުބާރު އޮތް ފަރާތެއް ކަމަށް ބަޔާންކޮށް ސަރުކާރު ގަބޫލުކުރާ ބޭންކަކުން ދޫކޮށްފައިވާ ލިޔުމެއް ވެސް އޮންނަން ޖެހެއެވެ.

ނަމަވެސް އެ ބިލުން މި ގާނޫނުގެ ހަ ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހޭކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މާއްދާ އުވިގެންދާނެއެވެ.

މީގެ އިތުރުންވެސް މުހިއްމު އިސްލާހު ތަކެއް މި ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލުން އެ ގާނޫނުގެ އެގާރަ މާއްދާއަކަށް އިސްލާހު ހުށަހަޅައި ބައެއް، އަކުރުތައް މަދުކޮށް އަދި ބައެއް މާއްދާތަކަށް ބައެއް އަކުރު އިތުރު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ.