ރިޔާސީ އިންތިހާބު

އުފެދޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް، އަލްވަދާއު ކިޔާނީ ފިތުނަވެރިކަން އުފައްދާ ސަގާފަތަށް!

އަންނަ އާދީއްތަ ދުވަހުގެ ވޯޓުން ބަދަލުވާނީ ހަމައެކަނި ވެރިކަމުގައި ހުރި މީހާ ނޫން ކަަމަށާއި، އިރާދަކުރެއްވިއްޔާ އެދުވަހު އަލްވަދާއު ކިޔާނީ ދިވެހީން ބައިބައިކޮށް، ފިތުނަވެރިކުރުވާ ސަގާފަތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މައުމޫން ދިވެހި ގައުމަށް ކުރެއްވި އިލްތިމާސެއްގައި ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވެއްޖެ ނަމަ، ދެން މަރުހަބާ ކިޔާނީ ތަސައްރަފް ފުދިފައިވާ ސިޔާސީ ވެއްޓަކަށް ކަމަށެވެ.

ފާރިސްގެ އިލްތިމާސްގައި ވިދާޅުވެފައިވަނީ ދިވެހީންނަކީ ބައިބައިވެފައި އޮންނަން ޖެހޭ ބައެއް ނޫން ކަމަށާއި، އަސާސީ ހައްގުތަށް ހޯދުމަށް ވަކިބައެއްގެ ކުޑަ ދަށަށް، ނުވަތަ ވަކި ކުލައެއްގެ ދިދައެއްގެ ފަހަތަށް ދާން ނުޖެހޭނެ ކަމަށެވެ.

"ދިވެހީންނަކީ ދާއިމަށް ދެފަޅިއަށް ނުވަތަ، އެއަށްވުރެ ގިނަ ފަޅިއަކަށް ބަހާލެވިފައި ތިބެންޖެހޭ ބައެއް ނޫން. އަސާސީ ހައްގުތަކާއި ހިދުމަތްތައް ހޯދުމަށްޓަކައި، ވަކި ބޭފުޅެއްގެ ކުޑައިގެ ހިޔާވަހިކަން ހޯދުމަށް، ނުވަތަ ވަކި ކުލައެއްގެ ދިދައެއްގެ ފަހަތަށް ދާން މަޖުބޫރުވުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރުމަކީވެސް އެއްވެސް ބައެއްގެ މޮނޮޕޮލީއެއް އޮންނަ ކަމެއް ކަމުގައިވެސް ދިވެހީންނެއް ނުދެކޭ،" ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސް ފާހަގަކުރެއްވީ މިހާރުގެ މުޖުތަމައުއަކީ ޑިމޮކްރަޓިކް ވެއްޖެ ކަމަށާއި، ދިވެހީންގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކާ ދެކޮޅަށް ތެދުވާނެ ބަޔަކާ ދެކޮޅަށް ނުކުންނާނެ ބަޔަކު ތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އެކަމަށް ރައްޔިތުންނަށް ޔަގީންކަން ގެނުވީ ނުފޫޒާ ބާރުގެ ކުރިމަތީގައި އަޑުއުފުލި މަޖިލިސް މެމްބަރުންގެ ސަބަބުން ކަމަށާއި، އެ ހަތަރު ލީޑަރުންގެ ސަބަބުން ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވެފައިވަނީ ވޯޓު ހޯދުމުގެ ނިޔަތުގައި ޕީޕީއެމްގެ މެމްބަރުންނަކީ އެމްޑީޕީ މެމްބަރުން ދެކެ ބިރުގަންނަ ބަޔަކުކަމުގައި ހަދައިގެން މަސައްކަތް ކުރުމަކީ އޭނާ ލަދުގަންނަ ކަމެއް ކަމަށާއި، ޕީޕީއެމްގެ އާންމު މެމްބަރުންނަކީ ހުރިހާ ދިވެހި ރައްޔިތުންނާ މެދުވެސް ލޯތްބާއި އިހުތިރާމާއެކު ދެކޭނެ ބައެއް ގޮތުގައި ދެކެން ބޭނުންވާ ކަމަށެވެ.

ފާރިސް ވިދާޅުވީ ވޯޓު ކާމިޔާބުވުމުން އުފެދޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައާއި، ސިޓީތަކާއި، ރަށްތަކުގައި އެކިއެކި ޕާޓީތަކަށް ނިސްބަތްވާ މީހުންގެ މެދުގައިވެސް ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ. މުޅި ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރާނެ ބަޔަކު ފެނިގެންދިއުމަކީ އޭނާގެ އުންމީދު ކަމަށްވެސް ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސް އިލްތިމާސްކޮށްފައިވަނީ އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އަށް ވޯޓު ދެއްވުމަށެވެ.

ފާރިސްގެ ބޮޑުބޭބޭފުޅު، ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އޭނާއާއި ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ޖަލުގައި ހައްޔަރުކުރެވިފައެވެ.