އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއެކު، އެ މެންބަރުން ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅުންނާއި، ދަރިންނާއި، އެ މެންބަރުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ މާލީ ހިސާބު އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަންޖެހޭ ގޮތަށް މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުން މިގޮތަށް ބަދަލުގެންނަން ފޮނުވާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް އާއި ހިއުމަންރައިޓްސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ސިވިލް ސާވިސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށެވެ.
މި ގާނޫނުތަކަށް ބަދަލު ގެނައުމަށް ފޮނުވާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ކޮމިޝަންތަކުގެ މެންބަރުން މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިހުރި އާމްދަނީ އާއި އޭނާގެ ނަމުގައިހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަގާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްއަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މެންބަރު މަގާމާ ހަވާލުވުމަށްފަހު މާލީ ހިސާބު ކޮންމެ އަހަރެއް ހަމަވާ ދުވަހުގެ ކުރިން ހުށަހަޅަމުން ގެންދަންް ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މެންބަރު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަކަ ތިންމަސް ދުވަހުގެ ތެރޭގައި މަގާމުން ވަކިވިއިރު އޭނާގެ ކިބައިގައިހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ދެން ބުނެފައިވަނީ، މެންބަރު މާލީ ހިސާބު ހުށަހަޅާއިރު އޭނާ އިނދެގެންއުޅޭ މީހާ އާއި އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައިވާ ދަރިންނާއި އޭނާ ސީދާ ބަލަހައްޓަމުން ގެންދާ މީހުންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެ ކަމަށެވެ.
މެންބަރުން ހުށަހަޅާ އޮޑިޓް ރިޕޯޓްގައި މައްސަލައެއް ފާހަގަވެއްޖެނަމަ އެމައްސަަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު ވެސް އިސްލާހުން އޮޑިޓާ ޖެނެރަލްއަށް ވަނީ ދީފައެވެ.
މި ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލު ތަކުގެ ތެރޭގައި، އެ މުއައްސަސާތަކުގެ މެންބަރުން އާމްދަނީ ލިބޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް ތިމާގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއްގެ އަގު އާއްމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް، ވިއްކައިލުމާއި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ބާޒާރުގައި އާއްމުކޮށް ކުއްޔަށް ދީއުޅޭ އަގަށްވުރެ ބޮޑުނޫން ކުއްޔަކަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމަކީ، ވިޔަފާރި އާއި މެންބަރުންނަށް މަސައްކަތުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށް ވެސް އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައިވާގޮތުން، މަގާމުގެ ހައިސިއްޔަތުން މެނުވީ ދައުލަތުގެ އެއްވެސް ކަމެއްގައި، އަދި ޖަމާއަތެއްގައިވެސް ބައިވެރިވެގެން ނުވާނެއެވެ.
މަދަނީ ޖަމިއްޔާގެ މެންބަރަކަށް ވެސް މެންބަރުން ވެގެންނުވާނެ އެވެ.
ސަރުކާރުން ބުނެފައިވަނި، މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކަށް ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސުބުން އެއްކިބާވެ، މިނިވަން ކަމާއެކުގައިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތަކަށް އިސްލާހު ގެނައުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ.
އެހެންކަމުން ބިލުތަކަށް މި ބަދަލު ގެންނަން ހުށަހެޅީ ގާނޫނުއަސާސީންނާއި ގާނޫނުން ކޮމިޝަންތަކާ މަތިކޮށްފައިވާ މަސްއޫލއިްޔަތުތައް ތައައްސުބުން އެއްކިބާވެ، މިނިވަން ކަމާއެކުގައި އެ ކޮމިޝަންތަކުން، މަސައްކަތްކުރުމަށް ބާރު އެޅުމަށާއި ކޮމިޝަނގެ މެންބަރުންނަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތްކުރާ ބައެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ.