އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ، އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.
މި ބިލުގައި ބުނެފައިވަނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވި ކަމަށް ނުވަތަ، މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރައްވާ ކަމަށް، ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލިހުގެ ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ތަޅުމުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވޭނެ ކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި މިހާރު އޮންނަނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހުގެ ރުހުމާ އެކު، އެމަނިކުފާނު ފޮނުއްވާ ސިޓީއަކުން މަގާމުން ވަކިކުރެވިދާނެ ކަމަށެވެ.
ގާނޫނުގައި ކޮމިޝަނާ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ ދައުރުގެ މުއްދަތު މިހާރު ކަނޑައަޅާފައި ނެތް ނަމަވެސް، އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށް ކަނޑައަޅަން މި ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައި މީރާގެ ބޯޑަށް ބަދަލުތައް ގެނައުމަށްވެސް ވަނީ ހިމަނައިފައެވެ.
އެގޮތުން ބޯޑުގެ ހަތް މެންބަރުންގެ ތެރޭގައި ހިމެނޭނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންނާއި ދައުލަތުގެ މާލިއްޔަތު ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި، ޓެކުހުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައި ހުންނަވާ ބޭފުޅެއް ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި މިހާރު އޮންނަ ގޮތުން މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އާންމުކޮށް އިއުލާންކޮށްގެން އެކަމަށް ކުރިމަތިލާ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.
އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނުނު ނަމަވެސް ވޯޓެއް ނުދެވޭނެއެވެ.