އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އިއްޔެ މަޖިލީހުން ކޭން ބައްލަވަނިކޮށް ތަށިން ފެނުނީ، ހުރަހަކަށް ބޭނުން ކުރެވޭ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިއްޔެގެ މެންދުރު ކޮއްތުން ފެނުނު އެ އެތިކޮޅު ބައްލަވައި ތަހުގީގު ކުރައްވާފައިވާ ކަމަށެވެ.
އެ އެއްޗަކީ ކާ އެއްޗެއްގެ މަތީގައި އަޅާފައި އޮތް، ޕްލާސްްޓިކްކޮޅެއް ނުވަތަ ރަބަރުކޮޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ކާތަކެތިން އެފަދަ އެއްޗެއް ފެނުމަކީ ރަނގަޅު ގޮތެއްނޫން ކަމަށާއި، އެއީ މަޖިލީހުންވެސް ގަބޫލުކުރާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އާއި މަޖިލީހުގެ އާއްމު ކޮމިޓީގެ އެހީތެރިކަމާއެކު، މެންބަރުންގެ ކޮއްތާއި ބޯފެނާއި ރަނގަޅު ގޮތުގައި ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޝިޔާމް ކޭން ބެއްލެވި ތަށިން އިއްޔެ ރަބަރު ގަނޑެއްް ފެނުނު މައްސަލައިގައި، ސޯޝަލް މީޑިޔާގައި ތަފާތު ވާހަކަތައް ދެކެވިފައިވެއެވެެ.
އެކަމާ ގުޅިގެން މަޖިލިސް އިދާރާއިން އިއްޔެ ބުނީ، ތަށިން ފެނިފައިވަނީ ރެޕިން ޕޭޕަރ ކަމަށާއި އެމައްސަލަ މީހާރު ބަލަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ކޭޓަރިންގެ ހިދުމަތް ދެމުން އަންނަނީ ބްރަދާސް ކޭޓަރިން އިންނެވެ.