ބަތަލާ ތާޕްސީ ޕަންނު ބޮލީވުޑަށް ވަންތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ހިޓް ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ.
ތާޕްސީ ބޮލީވުޑަށް ވަނުމުގެ ކުރިން ވަނީ ސައުތު އިންޑިއަން ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. ޕިންކް ވިލާއަށް ތާޕްސީ ވަނީ އޭނާގެ ކެރިއާ ފެށިގެން އައި އިރު ދިމާވި ހާދިސާތައް ހިއްސާކޮށްފައެވެ.
އެގޮތުން އޭނާ ބުނި ގޮތުގައި އެއް ފިލްމުގެ ޑައިރެކްޓަރު ވަނީ އޭނާއަށް ދިމާއަށް ތިއީ "ކާއްޓެއް" ކަމަށް ބުނެފަ އެވެ. އެ ޑިރެކްޓަރަކީ މިޒާޖުގެ ގޮތުންވެސް އަންހެނުންނަށް މާ ނުވަތަ މޭވާއާ ގުޅުވައިގެން ނަން ކިޔާ ޑިރެކްޓަރެއްކަން ފާހަގަ ކުރަމުން ތާޕްސީ ބުނީ އޭނާއަށް ކާއްޓަށް ގޮވީމަ އެކަމާ ޝޮކްވިކަމަށެވެ.
އެހެން ހާދިސާއެއް ހިއްސާކުރަމުން ތާޕްސީ ބުނީ އިތުރު އެހެން ޑިރެކްޓަރެއް އޭނާއަށް "އަޔަން ލެގް" ގެ ނަންވެސް ދީފައިވާކަމަށެވެ.
ތާޕްސީ ބުނީ އެފަދަ ނަންތަކުން މުހާތަބުކުރުމުން ހިތާމަކުރާ ކަމަށެވެ. ހާއްސަކޮށް އެ ފިލްމުގެ ސްކްރިޕްޓް އަދި ފިލްމު އުފެއްދުމުގައިވެސް އޭނާގެ އެއްވެސް ހިއްސާއެއް ނެތް އިރު އެކަހަލަ ނަމެއް އޭނާއަށް ދިނުން ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ފިލްމުގައި ތާޕްސީ ފެނިގެން ދަނީ ތިން ލަވައަކުންނާ ދެތިން ސީނަކުން ކަމަށް ބުނަމުން ތާޕްސީ އިތުރަށް ބުނީ އެ ފިލްމު ކުޅުނީ އެ ޕްރޮޑިއުސަރަކީ ބޮޑު މީހެއް ކަމަށް ވުމުންނާއި، ޑައިރެކްޓަރަކީވެސް ބޮޑު މީހެއް ކަމަށް ވުމުންނާއި ފިލްމަކީވެސް ބޮޑު ފިލްމެއް ކަމަށް ވުމުންނެވެ. ނަމަވެސް އެއީ އޭނާއަށް އެޅުނު ޅަ އެއްޗެއްކަން ތާޕްސީވަނީ ފާހަގަކޮށްފައެވެ.
އެ ފިލްމު ފްލޮޕް ވުމުން އެކަމުގެ ޒިންމާ ވަނީ ތާޕްސީ ބޮލުގައި އަޅުވާފައިކަމަށާއި އޭގެ ފަހުން އޭނާ ކުޅުނު ދެތިން ފިލްމެއްވެސް ފްލޮޕްވުމާ ގުޅިގެން އޭނާއަކީ ނާކާމިޔާބު މީހެއްގެ ގޮތުގައި ސައުތުގެ ފިލްމް އިންޑަސްޓްރީން އޭނާ ސިފަކޮށްފައިވާކަމަށް ތާޕްސީ ބުންޏެވެ.
ބޮލީވުޑްގައި މިވަގުތު ތާޕްސީވެސް ފެނިގެންދާ ފިލްމު "މިޝަން މަންގަލް" ކާމިޔާބު ކަމާއެކު ސްކްރީން ކުރެވިގެންދާއިރު ދެން އޭނާ އެންމެ އަވަހަށް ފެންނާނީ ބުމީ ޕެޑްނޭކަރު އާއެކު "ސާންދް ކީ އާންކް" އިންނެވެ. އެ ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 25ގައެވެ.