ޝަހީދާ އަބްދުﷲ ސައީދު
މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލުމަށް ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ މެންބަރުން ދެކޮޅު ހަދައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި އެ ހުށަހެޅުމާމެދު މަޝްވަރާ ކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕްގެ މެންބަރުންގެ ބައްދަލުވުމެއް މިރޭ ބޭއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ތިއްބަވާ 65 މެމްބަރުންގެ ތެރެއިން 50 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު، ހާއްސަ ކޮމިޓީ ހެދުމާއި ގުޅޭގޮތުން މެންބަރުންގެ މެދުގައި ވޯޓެއް ނެގުނު ކަމަށާއި ނަމަވެސް އެކަމަށް މެންބަރުން ރުހުން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ހާއްސަ ކޮމެޓީ އެކުލަވައިނުލުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ހާއްސަ ކޮމިޓީއަށް "ސުޕަ ކޮމެޓީ"ގެ ނަން ބޭނުންކޮށްގެން ބައެއް މީޑިއާތަކުގައި ރިޕޯޓްކުރަމުންދާތީ އާޒިމް ވަނީ، މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެމްޑީޕީއަކީ ބާރު އޮވެގެން ކަންކަން ނިންމާނެ ޕާޓީއެއް ނޫން ކަމަށެވެ.
މަޖިލީހުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި ބޭރު ގައުމުތަކަށް ދިވެހި ސަފީރުން ކަނޑައެޅުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ މަޖިލީހަށެވެ. ރައީސް އޮފީހުން ނަންތައް މަޖިލީހަށް ފޮނުވުމުން ފުރަތަމަ މަރުހަލާގައި އެ ނަންތައް ދިރާސާ ކުރަނީ ކަމާ ގުޅޭ ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށްފަހު ރުހުން ހޯދަން މަޖިލީހުގެ ތަޅުމަށް ފޮނުވައެވެ. އަދި އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ނަންތައް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ ވެސް މަޖިލީހުގެ ތަޅުމުންނެވެ.
އެ އުސޫލު ބަދަލުކޮށް، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ކަންކަން ކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދަން ހުށަހެޅިއެވެ. އެ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. ނަމަވެސް އެ އުސޫލު ހުށަހެޅި ދުވަހުން ފެށިގެން ވެސް ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހާއްސަކޮށް އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.