ޕޮލިސް

ކޮޓަރިއެއްގެ ތެރެއަށް ފާރެއް ވެއްޓި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ލ. މާމެންދޫގައި ގެ އެއްގެ މައްޗަށް ހަދަމުންދިޔަ އިމާރާތެއްގެ ފާރު ވެއްޓި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:11 އެހާކަންހާއިރު އެ ހާދިސާ ހިނގީ ރޭނުމަށްފަހު ނުހިކި ހުރި ފާރެއް ވައިގަދަވުމުގެ ސަބަބުން އެގޯތި ތެރޭގައި ހުރި އެހެން އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިގެން ކަމަށެވެ. އަދި ފުރާޅު މައްޗަށް ފާރު ވެއްޓުމުން ޓިނުތައް ފަޅައިގެން، ސީލިންގުގެ ބައެއް ކޮޓަރި ތެރެއަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާ ހިނގިއިރު، އަނިޔާވި ކުޑަކުއްޖާ ހުރީ ކޮޓަރި ތެރޭގައެވެ. އަދި ހާދިސާގައި އެވަގުތު ކޮޓަރީގައި ހުރި 38 އަހަރުގެ ފިރިހެނަކަށް ވެސް އަނިޔާވި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ، ފާރު ވެއްޓިގެން ގެއްލުންތަކެއް ލިބުނު ގޭގައި ދިރިއުޅެވޭނެ ގޮތް ހެދުމަށް، ގެ ސާފުކޮށް، ފުރާޅުގައި ޓިނު ޖެހުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.