ކުޅިވަރު

އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވެއްޖެ

ސާފު ސުޒުކީ ކަޕަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

މެލޭޝިއާއާ ދެކޮޅަށް އެޤައުމުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ރާއްޖޭގެ ޤައުމީ ޓީމު އެކުލަވާލިއިރު، ނިމިގެންދިޔަ ސާފު ސުޒުކީ ކަޕުން ޖާގަ ލިބުނު މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއުރޭޑިއަންޓްގެ ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) ގެ އިތުރުން ތިން ވަނަ ކީޕަރު ހަަސަން ތޮލާލް (ޓޮޕްލަކް) ގެ ބަދަލުގައި ޓިމުގައި ހިމަނާފައިވަނީ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި އެޓީމުގެ މުހައްމަދު ނާއިމްގެ އިތުރުން ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން އަރާފައެވެ.

ރޭގެ މެޗަށް ރާއްޖެ ޓީމު ނުކުތްއިރު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަތަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ޒުވާން ކީޕަރު ހުސެއިން ޝަރީފް އެވެ. އެންމެފަހުން ލީގުގައި ނިއުރޭޑިއަންޓު ކުޅުނު މެޗުގައިވެސް ފައިސަލް ކުޅެފައެއް ނުވެއެވެ.

ބޯ ވިއްސާރައިގައި ކުޅެމުންދިޔަ މި މެޗުގައި މެލޭޝިއާ އިން ވަނީ 16 ވަނަ މިނިޓްގައި ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޒަހުވާން އެވެ. ރާއްޖެ އަށްވެސް ނަތީޖާ ހަމަހަމަ ކުރަން ފުރުޞަތުތަކެއް ލިބުނެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުޞަތު މެލޭޝިއާގެ ކީޕަރު ފަރިޒާލް ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ނަތީޖާ ހަމަހަމަ ކުރަން ރާއްޖެއަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި މެލޭޝިއާއިން ޖެހި ދެވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަފާވީ ރަޝީދުއެވެ. މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ރާއްޖެ ޓީމުގެ ރިޒޭ ފޮނުވާލި ބޯޅަ މެލޭޝިއާގެ ކީޕަރު މަތަކުރިއިރު، ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެލޭޝިއާގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސުމާރޭ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ބުނެފައިވަނީ، އެޑްވާންޓޭޖް އޮތީ މެލޭޝިއާއަށް ކަމަށާއި، ރާއްޖޭގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ރައްދުކުރާ ކަމަށެވެ.