އިބްރާހިމް ޒަކީ
ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން ބޮޑެތި ގެއްލުންވާ ކުންފުނިތައް ޕްރަވަޓައިޒް ކުރުމަށް ލާޒިމްކޮށް، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރު އެއްވެސް މެންބަރަކު ވޯޓު ނުދީ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް 31 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
މި ގަރާރުގައި ޖާބިރު ވިދާޅުވެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާއިރުވެސް، ސަރުކާރުތަކުން ސިޔާސީ ބޭނުމަށް އެފަދަ ކުންފުނި ތަކުން މީހުންނަށް ވަޒީފާދީ، އެ މުއައްޒަފުންނަށް މަޖުބޫރުކޮށްގެން އެފަރާތްތަކުރެ އާއިލާގެ ވޯޓު ހޯދަމުންދާ ކަމަށެވެ.
އަދި ކުންފުނިތަކަށްވާ އެފަދަ ގެއްލުން ތަކުގެ ސަބަބުން ޓެކްސް ޕޭޔަރުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ ޕަމްޕްކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިފްކޯ އާއި އެމްޓީޑީސީ ފަދަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ފެއްޓެވުމަށް އެ ގަރާރުގައި ޖާބިރު ވަނީ ގޮވާލައްވައިފައެވެ.
ގަރާރުގައި ޖާބިރު ވިދާޅުވެފައިވަނީ ބައެއް ކުންފުނިތަކަށް ލިބޭ ގެއްލުން މިލިއަނަށް އަރައިގެންދިޔަ ނަމަވެސް އެ އިރަކު އޮންނަ ސަރުކާރަކަށް ތާއީދު ހޯދަން، ސިޔާސީ ހަތިޔާރަކަށް އެ ކުންފުނިތައް ބޭނުން ކުރަމުންދާ ކަމަށެވެ.
ގަރާރުުގައި ޖާބިރު ވިދާޅުވެފައިވަނީ ގެއްލުންވާ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދަކީ މިހާރުން މިހާރަށް ފުއްދަން ޖެހިފައިވާ ވައުދެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އެ ވައުދުގެ މަތިން ސަރުކާރުގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގަމުންއަންނަ ކުންފުނިތައް ޕްރައިވަޓައިޒްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރުން މިހާރަށް ފައްޓައި އެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމު ކުރުމަށް ބާރުއެޅުމަށް މިގަރާރު ހުށަހެޅީމެވެ،" ގަރާރުގައި ޖާބިރު ވިދާޅުވެފައިވެއެވެ.