އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވައިގެން، ސަރުކާރުން ރާވާ ހިންގަމުން ގެންދާ މަސައްކަތްތަކަށް، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވެ، އެކަން ހުއްޓުވުމަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ބޮޑެތި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރަވަޓައިޒް ކުރުމަށް ލާޒިމްކޮށް ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު ނިހާދު ވިދާޅުވީ، ޖާބިރުގެ އެ ގަރާރަކީ ބޭނުމެއް ހުރި ގަރާރެއްނޫން ކަމަށާއި އެއީ ވަގުތުން ވަގުތަށް މަޖިލީހުން ބޭރު ކުރަންޖެހޭ ގަރާރެއް ކަމަށެވެ.
އަދި އެ ގަރާރަކީ ސަރުކާރުން ރާވައި ހިންގަމުން އަންނަ ކަންތައްކަތަށް ހުރަސް އެޅުމަށް ގަރާރުތައް ހުށަހެޅުމަށް ޖާބިރު ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން ހުށަހެޅުއްވި ގަރާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ޖާބިރު ވަނީ މިދިޔަ ދުވަސްތަކުގައި މަޖިލީހަށް ގިނަ ގަރާރުތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން އެންމެ ކުޑަ ހޭދަކޮށްގެން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ރާއްޖެ ހެދުމަށާއި، ބަނގުރަލާއި އޫރުމަސް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި، ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި ޖާބިރު ވަނީ މަޖިލީހަށް ގަރާރުތައް ހުށަހަޅުއްވައިފައެވެ.
މީގެ އިތުރުން ވެސް ބައެއް ގަރާރުތަކާއި ކުއްލި މައްސަލަތައް ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.
ނަމަވެސް ޖާބިރު މިހާތަނަށް ހުށަހަޅުއްވި ހުރިހާ ގަރާރެއް އެމްޑީޕީ މެންބަރުން ވޯޓު ދެއްވައިގެން މަޖިލީހުން ވަނީ ބޭރު ކޮށްލައިފައެވެ.