ރައްޔިތުންގެ މަޖިލިސް

ޕީޖީ ހާޒިރުކޮށް، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިޔަން ރުފިޔާގެ މައްސަލަ ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިޔަން ރުފިޔާ ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ބެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން އެޖެންޑާ ކޮށްފިއެވެ.

މިއަދު 11:00 ގައި ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކަމާބެހޭ އޮޑިޓް ރިޕޯޓްގެ އިތުރުން، އެމްޓީޑީސީގެ އެއް މިލިޔަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއަދު މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައި އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންތަކާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އާ ބައްދަލުކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިޔަން ރުފިޔާ ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާއި އެމްޓީޑީސީގެ އެއް މިލިޔަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެނީ 2014 ވަނަ އަހަރު އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުގައެވެ.

މާލިއްޔަތު ކޮމިޓީން ޕީޖީއާ މިއަދު ބައްދަލު ކުރަނީ 2016 ވަނަ އަހަރު އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުންނެވެ.

އެމްއެމްޕީއާރުސީން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހާމަވެފައިވާއިރު، ކަމާބެހޭ އެކި އެކި މުއައްސަސާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.