އަލީ ރިފްޝާން
މެލޭޝިއާގައި ބޭއްވި ގްލޯބަލް ވެޓެރަންސް ކަޕްގެ ޗެމްޕިއަންކަން ރާއްޖެ އިން ހޯދައިފިއެވެ.
ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ރާއްޖޭގެ ވެޓެރަންސް ޓީމު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑޮނޭޝިއާ ބަލިކޮށްގެންނެވެ.
އިއްޔެ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި އިންޑޮނޭޝިއާ އަތުން ރާއްޖެ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އާއި އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.
އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ދިވެހި ފުޓުބޯޅައިގެ ލެޖެންޑުން ހިމެނެއެވެ. އެގޮތުން ބިންމާ އައްލޯގެ އިތުރުން ސާފް ޗެމްޕިއަން 2008ގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި މުހުތާރު ނަސީރު (ޓޫކިލޯ) އާއި މައުސޫމް އަބްދުލްގަފޫރު (މާސޭ) ފާހަގަކޮށްލެވެއެވެ. އަދި ފައިނަލް މެޗުގައި ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ފެނިގެންދިޔައެވެ.
އެ މުބާރާތުގައި ޗެމްޕިއަންކަމުގެ އިތުރުން ރާއްޖޭގެ ދެ ކުޅުންތެރިޔަކަށް އިންޑިވިޖުއަލް އެވޯޑުތަކެއް ވެސް ލިބިގެންދިޔައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ކޮޔަރު އައްޔަ ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކުރި ޓޫކިލޯއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މުބާރާތުގައި ރާއްޖެއިން 14 ލަނޑު ކާމިޔާބުކުރި އިރު، ރާއްޖޭގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
މިއަހަރުގެ ގްލޯބަލް ވެޓެރަންސް ކަޕްގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރިއެވެ. ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ވާދަކުރީ އިންޑިއާ، މެލޭޝިއާ، ސްރީލަންކާ، ޔޫއޭއީ، ސިންގަޕޫރު، މިޔަންމާ، ސައުތު އެފްރިކާ އަދި އިންޑޮނޭޝިއާއެވެ.